ޚަބަރު
ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު މާލެއިން ހައްޔަރުކޮށްފި

މަސްތުވާތަކެެއްޗާއި އެކު ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ ށ. ކޮމަންޑޫ / ސާތީ، އުމުރުން 24 އަހަރުގެ ޙުސައިން ޝާނިމެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ޙުސައިން ޝާނިމު ހައްޔަރުކުރުމާ ގުޅިގެން، އޭނާއާ ގުޅުންހުރި 3 ތަނެއް ބަލާ ފާސްކުރެވުނެވެ. މި ތަންތަން ބަލައި ފާސްކުރުމުގައި 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ރާއްޖެއަށް އެތެރެކުރުން މަނާ 32 ގުޅަ ބޭސް ހޯދާފައިވެއެވެ.
މައްސަލައާ ގުޅިގެން ޙުސައިން ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.