ކުޅިވަރު
އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތް: ރާއްޖެ ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފި

ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމް---
ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025ގައި ވާދަކުރި ރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ އަންހެން ނެޓްބޯޅަ ޓީމު ބަލިކޮށް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ޖިއޯންޖޫ ވަސަން ޖިމްނޭސިއަމްގައި ކުޅުނު މި މެޗު މުޅިން ވެސް ޑޮމިނޭޓުކުރީ ޕާކިސްތާނުންނެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި ނެގި ލީޑާއެކު ޕާކިސްތާނުން މެޗު ކާމިޔާބުކުރީ 60-35 ޕޮއިންޓުންނެވެ.
މި މުބާރާތުގައި މޮޅު ނަތީޖާތަކެއް ހޯދި ރާއްޖޭގެ ޓީމަށް ގެއްލުނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުތައް އެކަންޏެވެ. އެގޮތުން ލީގު ބުރުގެ ފަހުމެޗުގައި ޕާކިސްތާނާ ކުޅުން މެޗު އެ ޓީމުން ކާމިޔާޝުކުރީ 49-39 ޕޮއިންޓުންނެވެ.
އެއަށްފަހު ސެމީ ފައިނަލް މެޗުގައި 61-39 ޕޮއިންޓުން ޗައިނީސް ޓައިޕޭ ބަލިކުރުމަށްފަހު ރާއްޖެއިން ފައިނަލަށް ދަތުރުކުރީ އެ ނަތީޖާ ބަދަލުކުރުމުގެ އުއްމީދުގައެވެ. ނަމަވެސް ޕާކިސްތާނު މި މެޗުގައި ފެނުނީ ކުރިޔަށްވުރެ ވަރުގަދަކޮށެވެ. އެ ޓީމުން މުބާރާތް މި ކާމިޔާބުކުރީ، ކުޅުނު 7 މެޗުން ވެސް މޮޅުވެގެންނެވެ.
ޒުވާން ނެޓްބޯޅަ ޓީމު ހޯދި ކާމިޔާބަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މިއީ، މިހާތަނަށް ޒުވާން ނެޓްބޯޅަ ޓީމެއް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
މި މުބާރާތަށްފަހު ނެޓުބޯޅަ ޓީމު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މިރެއެވެ.