ދުނިޔެ

ހަމާސްއިން ހަމަލާތައް ހުއްޓާލައި ޞުލްޙަ ޤާއިމުކުރުމަށް ތައްޔާރު

ހަމާސްއިން ހަމަލާތައް ހުއްޓާލައި ޞުލްޙަ ޤާއިމުކުރުމަށް ތައްޔާރު

ހަމާސް ޖަމާޢަތުން ބޭއްވި އެއްވުމެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2025، 01:07

05 ޖުލައި 2025، 01:07

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި ޞުލްޙައިގެ މެދުވެރިން ހުށައަޅައިފައިވާ ހުށައެޅުންތަކަށް ހަމާސްއިން އެއްބަސްވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. 

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ހަމާސްގެ ޖަވާބު އިޒްރާއީލަށް ލިބިއްޖެކަމަށް އިޒްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އިޒްރާއީލުގެ އިސް ވެރިންގެ ހަވާލާދީ މި މައުލޫމާތު ހާމަކޮށްފައިވާއިރު، މިހާރު އެ ޖަވާބު ދިރާސާކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފަލަސްތީނުގެ ހަމާސް ހަރަކާތުން މިއަދު ބުނެފައިވަނީ އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅިފައިވާ ހުއްޓުމަކަށް ގެނައުމުގެ ހުށަހެޅުމަށް "އިޖާބީ ޖަވާބެއް" ދީފައިވާ ކަމަށެވެ. މި ޖަވާބު ދީފައިވަނީ ފަލަސްތީނުގެ އެހެނިހެން ބާރުތަކާއި ފެކްޝަންތަކާއެކު މަޝްވަރާކުރުމަށްފަހުގައިކަމަށްެސް ބުނެފައިވެއެވެ. 

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޖަމާޢަތުން މެދުވެރިންނަށް އިޖާބީ ޖަވާބެއް ދީފައިވާ ކަމަށާއި، މި އޮނިގަނޑު ތަންފީޒުކުރުމުގެ މެކޭނިޒަމް އާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބުރަކަށް ވަނުމަށް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށެވެ.

މި ހުށަހެޅުމަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓުވުމަށް އަމާޒުކޮށްގެން ހުށަހެޅިފައިވާ އެއްބަސްވުމެކެވެ. މީގެ ދަށުން ހަމާސްގެ ބަންދުގައި ތިބި އިޒްރާއީލްގެ ޢަސީރުން ދޫކޮށްލުމާއި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް މަގުފަހިވެގެންދާނެއެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން އިޒްރާއީލުން އަދި ވަކި ގޮތެއް ނިންމާފައި ނުވިނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމައުއިން މި ހުށަހެޅުމަށް ތާއީދުކޮށް، ދެފަރާތުން އެއްބަސްވުމަކަށް އައުމަށް ގޮވާލަމުންދެއެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ހާހުން ގިނަ މަދަނީ ރައްޔިތުން ޝަހީދުވެ، އަދި ގިނަ އަދަދެއްގެ މީހުން ހާލުގައި ޖެހި، ގެދޮރު ގެއްލި، ހިޖުރަކުރަން މަޖުބޫރުވެފައިވެއެވެ.

ހަމާސްގެ އެކުވެރި ޖަމާއަތް، އިސްލާމިކް ޖިހާދުން ވެސް ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަޝްވަރާތަކަށް ތާއީދުކޮށްފައިވެއެވެ. ނަމަވެސް މި މަޝްވަރާތަކުގެ ނަތީޖާއަކީ ދާއިމީ ހުއްޓުމަކަށް ވާނެކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މެދުވެރިންގެ ހުށަހެޅުން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލީ ނުކުތާތަކެއް އަހަރެމެން ހުށަހަޅާފައިވާނެ. އަދި ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމަށްފަހު އިސްރާއީލުން އަނެއްކާވެސް ހަމަލާތައް ފަށައިގަންނަން ނޫޅޭނެކަމުގެ އިތުރު ޔަޤީންކަން ބޭނުންވޭ" ކަމަށެވެ.

މި މަޝްވަރާތަކަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މިހާތަނަށް ފެނިފައިވާ އެންމެ އުއްމީދީ މަސައްކަތްކަމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ދެކެއެވެ. އަދި މި މަޝްވަރާތައް ކާމިޔާބުވެ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރަހައްދީ ޞުލްޙައަށް ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

މި މަޝްވަރާތަކުގެ ނަތީޖާއަކަށް ދުނިޔޭގެ އެތައް ޤައުމަކުން ބަލަމުންދާއިރު، ދެފަރާތުގެ ދެމެދުގައި އިތުބާރު ޤާއިމުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަރަހައްދުގެ ޤައުމުތަކުން ފާހަގަކުރެއެވެ. އަދި މި މަޝްވަރާތަކުގެ ކާމިޔާބީއަކީ ސަރަހައްދުގެ އަމާންކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS