ޚަބަރު
ހަނިމާދޫ އެއަރޕޯޓު ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ދެކެވެނީ ދޮގުވާހަކައެއް: ވަޒީރު ސަޢީދު

ހަނިމާދޫ އެއަރޕޯޓް
ހދ ހަނިމާދޫ އެއަރޕޯޓު ވިއްކާލަން ނުވަތަ ބަޔަކަށް ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ދެކެވެމުންދަނީ ދޮގުވާހަކަތަކެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްގައި މިކަން ހާމަކޮށް ޖަހައިފައިނާ ޚަބަރެއް އެކްސްގައި ހިއްސާކުރައްވާ ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް ކަމަށެވެ.
ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް. pic.twitter.com/jrcSXhZfHJ
— Mohamed Saeed (@em_saeed) July 5, 2025
ހަނިމާދޫ އެއަރޕޯޓު ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށްބުނެ ފުރަތަމަ މިވާހަކަ ދެކެވިފައިވަނީ އިދިކޮޅު ޕީއެންއެފްގެ ޖަލްސާއެއްގައެވެ. އެޖަލްސާގައި މިވާހަކަ ދައްކަވައިފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމެވެ.
އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ މިހާރު ހަނިމާދޫ އެއާޕޯޓް ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ކަމަށްވާއިރު، ދިވެހި ސަރުކާރުން ވިއްކާލަން ނިންމާ ތަންތަނުގެ ތެރޭގައި އެ އެއާޕޯޓް ހިމެނޭ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ މިފަހަރު މި ބައްދަލުކުރި މީހުންގެ ތެރޭގައި ސިންގަޕޫރުގައި ބައްދަލުކުރި މީހުންގެ ތެރޭގައި އަދާނީ ގުރޫޕްގެ ޗެއާމަންއާ ބައްދަލުކުރި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމިން އިތުރަށް ވިދާޅުވީ ޚަބަރު ލިބޭ ގޮތުގައި ވެއްޖެއްޔާ ހަނިމާދޫ އެއާޕޯޓް ވިއްކާލަން މި މަސައްކަތް ކުރަނީ އަދާނީ ގުރޫޕަށެވެ.
އަދާނީ ގުރޫޕަކީ އިންޑިއާގެ ގްރޫޕެކެވެ. އެގްރޫޕްގެ ޗެއާމަނަކީ ގޯތަމް އަދާނީ ކަމަށްވާއިރު، އެ ކުންފުންޏަކީ ތަފާތު ކުދި ކުންފުނިތައް އެއްކޮށްގެން ހަދައިފައިވާ އެންމެ ބޮޑު ކޮންގްލޮމެރޭޓްއެވެ.
ރައީސް ޔާމިން މިފަދައިން ވިދާޅުވެފައިވީނަމަވެސް މިހާރު ސަރުކާރުން މިވަނީ މިކަން ދޮގު ކުރައްވައިފައެވެ.