ޚަބަރު
ދިވެހިރާއްޖެއިން ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުމަސް ސަފީރު ފަޒީލަށް އަރުވައިފި

ދިވެހިރާއްޖެއިން ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުމަސް ސަފީރު ފަޒީލަށް އެރުވުން
ވެއިހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ. ލޓޑ. އަދި ޖިންގްވެއިދާއޯ ބްރޭންޑް ޓީމުން ދިވެހިރާއްޖެއިން ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުގައި ބަންދުކުރި މަސް އުފެއްދުމުގައި ކާމިޔާބު ހޯދައި މި ކާމިޔާބީއާއެކު، އުފެއްދި ސާމްޕަލްތައް ވަނީ ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް ފަޒީލް ނަޖީބަށް ހުށަހަޅައިފިފއެވެ.
މި މުހިންމު ފިޔަވަޅަކީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ޗައިނާއަށް އެތެރެކުރާ ދިވެހި މަސް އުފެއްދުންތަކަށް އިމްޕޯޓް ޑިއުޓީ މާފުކުރުމުގެ ފުރުސަތު ބޭނުންކުރުމުގައި އެޅުނު އިސް ފިޔަވަޅެކެވެ. މިކަމަކީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އައު ހަރުފަތެއް ގެނެސްދޭނެ ކަމެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޓްރެޓެޖިކް ވިޝަންގެ ބައެއްގެ ގޮތުން، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް، އައު މާކެޓްތައް ހޯދައި، ދެމެހެއްޓެނިވި، މަތީ އަގުހުރި މަހުގެ އުފެއްދުންތައް ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމެވެ.
މި ކާމިޔާބީއަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ފަޚުރުވެރި ވަގުތެކެވެ. މީގެ ސަބަބުން ދިވެހި މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވި، ޤައުމީ އިޤްތިޞާދަށް ފައިދާތަކެއް ލިބިގެންދާނެއެވެ.
މިކާމިޔާބީ ފާހަގަކޮށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.