ކުޅިވަރު
ޖޯޓާގެ ކުއްލި ވަކިވުމާ ގުޅިގެން ލިވަޕޫލްގެ ޑިފެންޑަރު ލިޔުނު މެސެޖުގައި ދުނިޔަވީ ނަސޭހަތެއް

ޑިއޯގޯ ޖޯޓާ---
ލިވަޕޫލް ފުޓުބޯޅަ ކްލަބާއި ޕޯޗުގަލްގެ ޤައުމީ ޓީމުގެ ކުރިޔަށް ކުޅެމުން އަންނަ ޑިއޯގޯ ޖޯޓާގެ ކުއްލި ވަކިވެދިއުމާ ގުޅިގެން މުޅި ފުޓުބޯޅަ ދުނިޔެ އަންނަނީ ހިތާމަ ކުރަމުންނެވެ.
ޖޯޓާއާއި އޭނާ ކޮއްކޮ އެންޑްރޭ ސިލްވާ މަރުވީ ސްޕެއިންގެ ޒަމޯރާގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެކްސިޑެންޓުވުމަށްފަހު އެ މީހުން ދަތުރުކުރަމުން ދިޔަ ކާރުގައި ވަނީ އަލިފާން ރޯވެފައެވެ. ތަޙުޤީޤީ އިދާރާތަކުން ޤަބޫލުކުރާ ގޮތުން، މި އެކްސިޑެންޓް ހިނގީ "އޯވަރ ޓޭކް" ކުރަން އުޅުނު ވަގުތު ކާރުގެ ފުރޮޅެއް ފަޅައިގެން ގޮސް ކަހާލައިގެނެވެ.
މި ހިތާމަވެރި ހާދިސާ ހިނގި ވަގުތު ޖޯޓާ އާއި އޭނާގެ ކޮއްކޮ ދަތުރުކުރީ ސްޕެއިންގައި ޗުއްޓީ ހޭދަކުރުމަށްފަހު ކަނޑުމަގުން އިންގްލެންޑަށް ފުރަން ދިއުމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނިމުނު ސީޒަނަށްފަހު ޖޯޓާ މޭގެ އޮޕަރޭޝަނެއް ކޮށްފައިވުމުން، ޑޮކްޓަރުން ވަނީ ވަކިމުއްދަތަކަށް އޭނާއަށް އުދުހުން މަނާކޮށްފައެވެ. ކަނޑުމަގުން އިންގްލެންޑަށް ދިއުމަށް މަސައްކަތްކުރީ އެހެންވެގެނެވެ.
ޖޯޓާ ވަނީ މިދިޔަ މެއި މަހު ލިވަޕޫލްއާއެކު ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށްފަހު، މިދިޔަ މަހު ޕޯޗުގަލްއާއެކު ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ ކައިވެނިކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ.
އޭނާގެ ހަޔާތުގައި ކައިރިކައިރީގައި އައި އެންމެ ކާމިޔާބު އަދި އެންމެ އުފާވެރި ދުވަސްތަކަށްފަހު ކުއްލިއަކަށް ދުނިޔެ ދޫކޮށްދިއުމުން އޭނާގެ ޢާއިލާ އާއި އޭނާ ކުޅެމުން އަންނަ ލިވަޕޫލް އާއި ޕޯޗުގަލް ޤައުމީ ޓީމު އަދި އޭނާ ކުރިން ކުޅެފައިވާ ޓީމުތަކުގެ ކުޅުންތެރިންނަށް އެކަންވީ ޤަބޫލުކުރަން އުނދަގޫކަމަށެވެ. މިކަން ދޭހަވަނީ އެ މީހުން ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ މެސެޖުތަކުންނެވެ.
މި މެސެޖުތަކުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މި ހާދިސާގެ ސަބަބުން ޖޯޓާގެ އަނބިމީހާ އާއި ކުޑަކުޑަ ތިން ދަރިންގެ އިތުރުން، ދެ ދަރިންގެ ކުއްލި ވަކިވެދިއުމާއެކު ޖޯޓާ އާއި އޭނާގެ ކޮއްކޮގެ މައިންބަފައިންނާއި ޢާއިލާގެ އެހެން މެންބަރުންނަށް ކުރިމަތިވެފައިވާ އުނދަގޫ ޙާލަތުގެ ވާހަކައެވެ. މި ވާހަކަ ތަކުގެ އިތުރުން، ބައެއް ކުޅުންތެރިން ޕޯސްޓުކޮށްފައިވާ މެސެޖުތަކުގެ ބައިތައް ޙިއްސާކޮށްލާނަމެވެ.
- އެންޑީ ރޮބާރޓްސަން: "އެންމެ ފަހުން އަހަރެންނަށް އޭނާ ފެނުނީ އޭނާގެ އެންމެ އުފާވެރި ދުވަހު، އެއީ އޭނާގެ ކައިވެނީ ހަފްލާ އޮތް ދުވަސް. އަހަރެން އަބަދުވެސް ހަނދާންކުރަން ބޭނުންވަނީ އެ ދުވަހު އޭނާގެ މޫނުމަތީގައި ހުރި އުފާވެރި ހިނިތުންވުން."
- މުޙައްމަދު ސަލާޙް: "ޗުއްޓީއަށްފަހު އަނބުރާ ލިވަޕޫލްއަށްދާއިރު ބިރުގަންނަވަރު ކަމެއް ދިމާވެދާނެކަމަކަށް އިއްޔެއާ ހަމައަށް އަހަރެން ހިޔެއް ނުކުރަން. އެއް ޓީމަކަށް ކުޅުމަށްފަހު ކުޅުންތެރިން ވަކިވެގެންދޭ. އެކަމަކު މިހެނެއް ނޫން. އަނބުރާ ލިވަޕޫލްއަށް ދާއިރު ޑިއޯގޯ ނުހުންނާނެކަން ޤަބޫލުކުރުން ވާނީ އުނދަގޫ ކަމަކަށް."
- ކޮސްޓާސް ސިމިކާސް: "އަހަރެމެން ލިވަޕޫލްއާ ގުޅުނީ ދާދިއެކުއެކީ. އަހަރެމެން ސިޓީއަށް ހޭނުނީ އެއްކޮށް. އެހެންކަމުން ކެރިއާރގެ ގިނަ ކަންކަން ދެ މީހުން އެއްކޮށް ހިއްސާކުރިން. ފަހުން ކުޅުނު މެޗެއްގެ ކުރިން ޖޯޓާ ބުނި "ޔޫ ކްރޮސް، އައި ސްކޯރ"، އެއީ ފަހުން ކަންހިނގިގޮތް."
- ކްރިސްޓިއާނޯ ރޮނާލްޑޯ: "ޤަބޫލެއް ނުކުރެވޭނެ. އިރުކޮޅެއް ކުރިން އަހަރެމެން ދެ މީހުން ތިބީ ޤައުމީ ޓީމާއެކު. އިރުކޮޅެއް ކުރިން އޭނާގެ ކައިވެނީގެ ހަފްލާ އޮތް."
- ޖޯޑަން ހެންޑަސަން: "ދަތުރުމަތީގައި އަހަރެން ނިދުމުން ފޮޓޯ ނެގުމަށްފަހު ފަހުން އަހަރެންނަށް ފޮނުވާފަހުރޭ. އޭނާ އަބަދުވެސް ހޯދާނީ ކޮންމެވެސް ސަކަރާތެއް ޖެހޭނެ ގޮތެއް."
މިފަދަ މެސެޖުތަކާއެކު މުޅި ސޯޝަލް މީޑިއާ ފުރާލާފައިވާއިރު، ލިވަޕޫލްގެ ޑިފެންޑަރ، އިބްރާޙިމާ ކޮނާޓޭގެ މެސެޖުގައި ދުނިޔަވީ މުހިންމު ވާހަކައެއްވެސް ލިޔެފައި އޮތެވެ. އޭނާ ބުނީ، މި ޙާލަތުގައި ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ، ޑިއޯގޯ ޖޯޓާ ފަދައިން އިއްޔެ ވެސް، އަދި މާދަމާ ވެސް ބަޔަކު އަހަރެމެންނާ ވަކިވެދާނެކަމަށެވެ. އެހެންކަމުން އަހަރެމެންގެ ޢާއިލާ އާއި، ރަޙުމަތްތެރިންނާއި އަދި އެކި ކަންކަމާ ގުޅިގެން ދިމާވާ މީހުންނާއެކު ހޭދަކުރަން ލިބިފައިމިވާ ވަގުތުގެ ބޭނުން ރަގަޅު ގޮތުގައި ހިފަންޖެހޭނެ ކަމަށެވެ. އެއީ އަމާންކަމާއެކު ދިރިއުޅެވޭނެ ގޮތަކަށް ކަންކަން ރާވައި، އެކަކު އަނެކަކަށް ލޯބި ދީގެންނެވެ. މާދަމާ ކަންވާނެ ގޮތް އެކަކަށް ވެސް ނޭންގޭނެތީއެވެ.
ކުއްލި މަރު ރާއްޖޭގައި ވެސް މިހާރަކަށް އައިސް ގިނަވެފައިވާއިރު، މިއީ ދުނިޔަވީ ގޮތުން ބަލާއިރު އަހަރެމެން ވެސް ވިސްނާލުން މުހިންމުކަމެކެވެ. ޢާއިލާ މީހަކާ ދެބަސްވެ ވާހަކަ ނުދައްކާ ނުތިބޭށެވެ. ހެޔޮއެދޭ އެކުވެރިންނާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާށެވެ. މާދަމާ އެއިން މީހަކު ވަކިވެ ދިއުމުގެ ކުރިން ހިތް ސާފުކޮށް، އެކަން ޙިއްސާ ކުރާށެވެ. އެހެން ނޫނީ ވަގުތު ފާއިތުވެދާނެއެވެ.