Ads by Stelco

ޚަބަރު

2023ގައި ފެނަކައަށް 800 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް: އޮޑިޓް

2023ގައި ފެނަކައަށް 800 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް: އޮޑިޓް

ފެނަކަ، ފޮޓޯ: ގާފު މީޑިއާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ޖުލައި 2025، 08:14

05 ޖުލައި 2025، 08:14

ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ދަޢުލަތުގެ ކުންފުނި، ފެނަކައަށް  2023 ވަނަ އަހަރު 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އެ ކުންފުނީގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮޑިޓް އޮފީހުން އާންމުކުރި މި ރިޕޯޓުގައި ބުނާ ގޮތުން، 2023ގައި ފެނަކައަށް ވަނީ ޖުމްލަ 811،270،317ރ. (811.2 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ލިބިފައެވެ. މިއީ 2022 ވަނަ އަހަރާ ބަލާއިރު، އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ވުރެ 392 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އަހަރު އެ ކުންފުންޏަށް ގެއްލުންވީ 418،890،573ރ. (418.9 މިލިއަން ރުފިޔާ)އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2023 ނިމުނުއިރު، އެ ކުންފުންޏަށް ލިބުނު ޖުމްލަ ގެއްލުން ވަނީ 1.64 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ފެނަކައަށް އެ އަހަރު 2.25 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ޚަރަދުތައް ކެނޑުމުން ފައިދާގެ ގޮތުގައި ޖެހުނީ 840 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު 1.97 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބުނުއިރު ފައިދާ 863 މިލިއަނަށް އެރިއެވެ.

އެ ކުންފުނީގެ ބައެއް ޚަރަދުތައް:

  • މުސާރަ

2022: 282 މިލިއަން ރުފިޔާ

2023: 348 މިލިއަން ރުފިޔާ (23 ޕަސެންޓުގެ އިތުރުވުމެއް)

  • މުވައްޒަފުން ތަމްރީނު ކުރުމުގެ ޚަރަދު

2022: 1.55 މިލިއަން ރުފިޔާ

2023: 8.02 މިލިއަން ރުފިޔާ (400 ޕަސެންޓްގެ އިތުރުވުމެއް)

  • ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތް

2022: 680،463 ރުފިޔާ

2023: 717،639 ރުފިޔާ (5.5 ޕަސެންޓްގެ އިތުރުވުމެއް)

  • އެހެނިހެން ޚަރަދުތަކާއި އިނާޔަތްތައް

2022: 199 މިލިއަން ރުފިޔާ

2023: 235 މިލިއަން ރުފިޔާ (17.9 ޕަސެންޓްގެ އިތުރުވުމެއް)

އިންތިހާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމާއި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުން ކޮންމެ ސަރުކާރެއްގައި ވެސް އިތުރެވެ. އަދި ފެނަކައާ ދެކޮޅަށް މިފަދަ ކަންކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މިންވަރު އިތުރުކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކޮންޓްރެކްޓު ދިނުމުގައި އާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް، އޭސީސީއަށް ވެސް މައްސަލަތަކެއް ހުށަޙަޅައިފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން 2023ގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެއިރު ސަރުކާރު ކުންފުނިތަކުގެ ތެރެއިން މުވައްޒަފުން އެންމެ ގިނައީ ފެނަކައިގައެވެ. އެގޮތުން އެ އަހަރު ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 7,379 މުވައްޒަފުން މުވައްޒަފުން ތިބިއިރު އެއީ 2018އާ އަޅައިބަލާއިރު 62 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުން ދެއްކިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS