ޚަބަރު
ނައިބު ރައީސް ފައިނޭންސިން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތާއި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި "ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް" މައުޟޫޢުގައި ބޭއްވުނު މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލްގައި ތަޤުރީރުކުރައްވައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާޙުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި، އިންސާފުވެރިކަމާއެކު ކްރެޑިޓް ރޭޓިންގ ދިނުމަށް ގޮވާލައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގައި، މުރަކަ އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރުމާއި، ޒުވާނުންނާއި އަންހެނުންގެ ވިޔަފާރިތަކަށް އިސްކަންދޭ ސަރުކާރުގެ މަޝްރޫޢުތައް ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ބައިވެރިވެވަޑައިގެން، ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ސްޕެއިންގެ ރަސްގެފާނާއި ރާނީ އަދި ބޮޑުވަޒީރު ދެއްވި ރަސްމީ ފަރީއްކޮޅުތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ޖޫން 30 އިން ޖުލައި 3 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މަތީ ފެންވަރުގެ އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.