ދުނިޔެ
ޓްރަމްޕްއާ ދެކޮޅަށް "އެމެރިކާ ޕާޓީ" ނަމުގައި މަސްކް ސިޔާސީ ޕާޓީއެއް އުފައްދައިފި

އެލަން މަސްކް، ފޮޓޯ ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މާލީ ގޮތުން އެހީތެރިވި ބިލިއަނަރު، އެލޮން މަސްކް "އެމެރިކާ ޕާޓީ"ގެ ނަމުގައި ޓްރަމްޕްއާ ދެކޮޅަށް އައު ސިޔާސީ ޕާޓީއަށް އުފައްދާފައިވާކަމަށް އިޢުލާންކޮށްފިއެވެ. އެ ޕާޓީ އެފެއްދުމުގެ މަޤުސަދަކީ ޓްރަމްޕްގެ ސަރުކާރުން ތަސްދީޤުކުރި ޓެކްސް ބިލާއެކީ ޤައުމު ބަނގުރޫޓުވުން ސަލާމަތްކުރުން ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އައު ސިޔާސީ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން އޭނާގެ "އެކްސް" ޕްލެޓްފޯމްގައި ޚިޔާލަށް އެހިތާ އެއް ދުވަސްފަހުން މިކަން އިޢުލާންކުރަމުން މަސްކް ބުނީ، މިއީ އެމެރިކާގެ ރައްޔިތުންނަށް ހަނިވަމުންދާ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް އުފެއްދި ޕާޓީއެއް ކަމަށެވެ.
ސިޔާސީ ޕާޓީ އުފެއްދިކަން މަސްކް އިޢުލާންކޮށްފައި މިވަނީ، އޭނާ ދެކޮޅު ހެދި ޓެކްސް ބިލް މިދިޔަ ހުކުރު ދުވަހު ތަސްދީޤުކޮށްފައި ވަނިކޮށެވެ. މަސްކް އާއި ޓްރަމްޕްއާ ދެމެދު މައްސަލަ ޖެހުނީ ވެސް މި ބިލާމެދު އެފެދުނު ހިތްހަމަ ނުޖެހުންތަކާ ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބިލާ ގުޅިގެން އުފެދުނު ދެބަސްވުމާއެކު، މަސްކް ވަނީ ޓްރަމްޕް ސަރުކާރަށް ޚިދުމަތްކުރުމަށް އޭނާއަށް ހަމަޖެއްސި ވަޒީފާއިން ވެސް އިސްތިއުފާ ދީފައެވެ. އޭނާ ހުރީ ޑިޕާޓްމަންޓް އޮފް ގަވަންމެންޓް އެފިސިއެންސީގެ ހިންގުމާ ހަވާލުއެވެ.
އައު ސިޔާސީ ޕާޓީއާއެކު، ޓެކްސް ބިލް ފާސްކުރުމަށް ވޯޓުދިން މަޖިލީހުގެ މެންބަރުން މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް މަސްކް ކުރިން ބުނެފައިވެއެވެ.
ރައްދުގައި ޓްރަމްޕް ވިދާޅުވީ، ސްބަސިޑީގެ ގޮތުގައި ސަރުކާރުން މަސްކްއަށް ބިލިއަނުންދޭ ޑޮލަރުގެ އާމްދަނީ ހުއްޓުވާނެކަމަށެވެ.
ޓްރަމްޕްއަށް ސަޕޯޓުކޮށް އޭނާއަށް ވާގިވެރިވި މީހަކު، އޭނާއާ ދެކޮޅުވެރިވެ ގެއްލުންވާ ގޮތަށް ކަންކަން ކުރަން ފެށި ސަބަބު ހޯދުމަށް "އެކްސް"ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން މަސްކް ބުނީ، އެކަމުގެ ސަބަބަކީ 2 ޓްރިލިއަންގައި އޮތް އެމެރިކާގެ ދަރަނި، 2.5 ޓްރިލިއަނަށް އެރުވުން ކަމަށެވެ. އަދި އެއީ އެމެރިކާ ބަނގުރޫޓު ވެގެންދާނެ ކަމެއްކަމަށް އޭނާ ބުނެފައިވެއެވެ.
މި ޓެކްސް ބިލަށް، ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ދެކޮޅުހަދާފައިވެއެވެ. އެ ބޭފުޅުން ވެސް ފާހަގަކުރެއްވީ އެ ބިލާ ގުޅިގެން އެމެރިކާގެ ދަރަނި އިތުރުވެގެންދާނެ ކަމަށެވެ. އަދި އެއީ މުއްސަނދިން އިތުރުން މުއްސަނދިކޮށްދީ، ފަގީރުން އިތުރަށް ނިކަމެތިވާނެ ބިލެއްކަމަށް ފާހަގަކުރެވެވިއެވެ.