ޚަބަރު
މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުން. ފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދެ މީހަކު ޑްރަގް އެންފޯސްމަންޓް އިން ވަނީ ހައްޔަރުކޮށްފައެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ހަމަ އެ އެޑްރެހުގެ ޙަމްޒާ ޝަރީފް (44އ) އެވެ.
މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ކުރެވޭ ޚާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ހައްޔަރުކުރެވުނު ދެ މީހުން ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ވަނީ ފެނިފައެވެ. އެގޮތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 90.54 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ޑްރަގް އެންފޯސްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރަމުން ގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.