ދުނިޔެ
ހަނގުރާމައަށް ފަހު ޚާމަނާއީ ފުރަތަމަ ފަހަރަށް އާންމުންގެ ކުރިމައްޗަށް

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ
ހުލާސާ
އިޒްރާއިލާއި އީރާނާއި ދެމެދު ހިންގި ހަނގުރާމައަށްފަހު އީރާނުގެ ރޫޙާނީލީޑަރު އާޔަތުﷲ ޚާމަނާއީ އާންމުންގެ ކުރިމަށްޗަށް ނުކުމެވަޑައިގެންފިއެވެ.
85 އަހަރުފުޅުގެ ޚާމަނާއީ ޢާންމުންގެ ކުރިމައްޗަށް އައިސްފައިމިވަނީ އޭނާ ބައިވެރިވެ ވަޑައިގެންނެވީ ޝިއާ މުސްލިމުންގެ އެންމެ މަތިވެރި ދުވަސްކަމުގައިވާ ޢާޝޫރާގެ މުނާސަބަތުގައި ތެހުރާނުގައި ބޭއްވި ދީނީ ރަސްމިއްޔާތެއްގައެވެ.
ސަރުކާރުގެ މީޑިއާއިން ދެއްކި ވީޑިއޯ ފޮޓޭޖުގައި، އިމާމް ޚާމަނާއީ މިސްކިތަށް ވަޑައިގަތުމުން އެތަނުގައި ތިބި މީހުން ތެދުވެ، ޚާމަނާއީއަށް އަޑުގަދަކޮށް ގޮވަމުންދާ މަންޒަރު ފެނުނެވެ. އަދި އޭގެ ޖަވާބުގައި ޚާމަނާއީ އަތްޕުޅު ހިއްލަވާލައްވާ، ބޯ ޖަހާލައްވާ މަންޒަރުވެސް ހިމެނެއެވެ.
ޖޫން 13 ގައި ފެށުނު ހަނގުރާމައިގެ ފަހުން، ޚާމަނާއީ ވަނީ އާންމު ތަންތަނަށް ނުކުތުން މަދުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޚިޠާބުތައްވެސް ވަނީ ކުރިން ރެކޯޑުކޮށްފައިވާ އެއްޗެހި ބްރޯޑްކާސްޓްކޮށްގެން ގެނެސްދީފައެވެ. މި ހަނގުރާމައިގައި 900 އަށްވުރެ ގިނަ އީރާނު ރައްޔިތުން ޝަހީދުވެފައިވާކަމަށް އީރާނުން ވަނީ އިއުތިރާފުވެފައެވެ. އަދި އިޒްރޭލަށް އީރާނުން ދިން ޖަވާބީ ހަމަލާތަކުގައި އިޒްރޭލުގެ 28 މީހުން މަރުވެފައިވެއެވެ.
ޖޫން 24 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ލިބުނު ގެއްލުންތަކެއް ހުރިކަން އެ ޤައުމުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުންނަށް އެ ތަންތަން ބަލައި ފާސްކުރުމުގެ ހުއްދަ ދިނުމަށް އިންކާރުކޮށްފައިވެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ ވިދާޅުވެފައިވަނީ އެ ޤައުމުން ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުއާހަދާ (އެންޕީޓީ) އާ ދެކޮޅަށް ދާކަށް ނެތްކަމަށެވެ. އަދި އެ މުއާހަދާއަށް އީރާނުން އަބަދުވެސް ތަބާވާނެކަމަށް ވިދާޅުވެފައިވެއެވެ.