Ads by Stelco

ޚަބަރު

މާލޭ ގެއަކުން ވަގަށްނަގާފައިވާ 60 ހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

މާލޭ ގެއަކުން ވަގަށްނަގާފައިވާ 60 ހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ވަގަށް ނަގާފައިވާ ތަކެތި/ފޮޓޯ: ފުލުހުން

06 ޖުލައި 2025، 02:05

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއަކުން ވަގަށްނަގާފައިވާ 60 ހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މިތަކެތި ހޯދާފައިވަނީ، މާލެ/މައްޗަންގޯޅި ހުންނަ ގެއަކުން ވައްކަންކޮށްފައިވާ މައްސަލަ ނިމިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޖޫން 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އޭގެ ތެރެއިން ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހޯދާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ފުލުހުންގެ މަސައްކަތުން މިހާރު ހޯދިފައިވާ ތަކެތީގެ 60،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ހަމަ އެހެންމެ، އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72،000 ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށް ވެރިފަރާތުން ބުނެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ބާކީ ހުރި ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން މިހާރު ކުރަމުންދާކަމަށް ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން  އިތުރަށް ތަހުޤީގުކުރަމުންދާއިރު، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS