Ads by Stelco

ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ޖަލްސާއަށް މެޑަމް ސާޖިދާ ކުޅުދުއްފުއްޓަށް ވަޑައިގެންފި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ޖަލްސާއަށް މެޑަމް ސާޖިދާ ކުޅުދުއްފުއްޓަށް ވަޑައިގެންފި

މެޑަމް ސާޖިދާ ކުޅުދުއްފުއްޓަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް

06 ޖުލައި 2025، 03:12

ކުޅުދުއްފުށީ ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމާއެކު، އެރަށުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. 

މެޑަމް ސާޖިދާ ވަނީ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން ހޮސްޕިޓަލުން ދެމުންގެންދާ އެކިއެކި ޚިދުމަތްތައް ބައްލަވާލައްވާފައެވެ. ހަމަ އެހެންމެ، ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި، އެކި ޑިޕާޓްމަންޓުތަކުގެ ވެރިންނާއި ބައްދަލުކުރެއްވާ އެ އެޑިޕާޓުމަންޓުތަކުގެ މަސައްކަތްތައް މެޑަމް ސާޖިދާ ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ހޮސްޕިޓަލު ހިންގެވުމުގައި މިވަގުތު ދިމާވަމުންދާ ދަތިތައް އޮޅުންފިލުއްވާ، ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކަމަނާ ވަނީ، ބައެއް ބަލި މީހުންނާ ބައްދަލުކުރައްވައި ހާލު ބައްލަވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޖަލްސާގައި ހޮސްޕިޓަލުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ހޮސްޕިޓަލަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް އަދި އެންޑޯމެޓްރިއޯސިސް ޚިދުމަތާއި ޓެލެމެޑިސިންގެ ޚިދުމަތް ވެސް އިފްތިތާޙްކޮށްދެއްވާނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، އުތުރުގެ އަތޮޅުތަކުން ސިއްޙީ ޚިދުމަތް ހޯދަމުން އަންނަ މައި ހޮސްޕިޓަލަށް ވީއިރު، އެތަނުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS