ދުނިޔެ
އިސްރާއީލްގެ އިންޒާރުތަކަށް ބިރުން ހަތިޔާރު ނުބަހައްޓާނަން: ހިޒްބުﷲ

ހިޒްބުﷲގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް
އިސްރާއީލްގެ އިންޒާރުތަކަށް ބިރުން ހިޒްބުﷲ އިން ފަހަތަށްޖެހި ހަތިޔާރު ނުބަހައްޓާނެކަމަށް ހިޒްބުﷲގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް މިއަދު ވިދާޅުވެއްޖެއެވެ.
އޭނަ ވިދާޅުވެފައިވަނީ އިސްރާއީލްގެ އިންޒާރުތަކަށް ޖެހިލުންވެ އެ ޖަމާއަތުން ހަތިޔާރު ދޫކޮށްލައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިޒްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ބޭއްވި އާޝޫރާގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައީމް ޤާސިމް ވިދާޅުވީ، ހިޒްބުﷲއިން ހަތިޔާރު ބެހެއްޓުމަށް އެދުމުގެ ބަދަލުގައި، އިސްރާއީލްގެ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް އެދެންވީ ކަމަށެވެ.
"މުޅި ދުނިޔެ އެއްވެގެން އަޅުގަނޑުމެން ހުއްޓުވަން މަސައްކަތް ކުރިޔަސް، އަޅުގަނޑުމެންގެ ޤައުމު ދިފާއުކުރުމަށްޓަކައި އިސްރާއީލްގެ ޢަދުއްވުންނާއި ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދާނަން،" ނައީމް ޤާސިމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހިޒްބުﷲއިން ސުލްޙައަށާއި ލުބުނާނު ބިނާކުރުމަށް ތައްޔާރަށް ތިބި ފަދައިން، ޤައުމު ދިފާއުކުރުމަށްވެސް ތައްޔާރަށް ތިބި ކަމަށެވެ.
އަދި ހިޒްބުﷲއާއި އިސްރާއީލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރެވުމުން، ލުބުނާނުގެ ދިފާއީ އިސްތިރާޖީއާ މެދު މަޝްވަރާކުރެވިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޒްބުﷲއިން ވަނީ ޣައްޒާއަށް އެހީތެރިވުމުގެ ގޮތުން އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކޮށްފައެވެ. މި ހަނގުރާމަ ނިމުނީ ފާއިތުވި ނޮވެމްބަރު މަހުގެ ފަހުކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކުންނެވެ. ނަމަވެސް އިސްރާއީލުން ދަނީ ހިޒްބުﷲގެ ޢަސްކަރީ ބާރުތަކަށް ކަމަށްބުނެ ލުބުނާނަށް ހަމަލާދިނުން ކުރިއަށް ގެންދަމުންނެވެ.