ޚަބަރު
ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވުން---

ފަރުދުން
07 ޖުލައި 2025، 06:15
07 ޖުލައި 2025، 06:15
އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާތީއާ އެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ އެ ޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އަދި މީހުން ސަލާމަތްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގައި ކާމިޔާބަށް އެދިވަޑައިގެން، މި ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުޞަތެއްގައި ކުރީގެ ދިރިއުޅުން އިޢާދަކުރެވޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހުގެ ފަތިހު ކުއްލި ގޮތަކަށް ވެހެން ފެށި ބޯ ވާރޭގައި ޓެކްސަސްގެ ކަރ ކައުންޓީގައި އިސާހިތަކު ވަނީ ފެންބޮޑުވެފައެވެ. މިކަމާ ގުޅިގެން އެ ޤައުމުގެ ޤައުމީ މޫސުމާ ބެހޭ ޚިދުމަތުން ވަނީ އެ ސަރަޙައްދަށް "ފްލޭޝް ފްލަޑް އިމަޖެންސީ" އިޢުލާންކޮށްފައެވެ.