ޚަބަރު
އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސާރވިސް ބިލްޑިން ހުޅުވައިފި

އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސާރވިސް ބިލްޑިން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު---
"ޢަލީ ފިރާޤް އިންޖިނިއަރިން ސާރވިސް ބިލްޑިން"ގެ ނަމުން ނަންދީފައިވާ، އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސާރވިސް ބިލްޑިން އިއްޔެ ހުޅުވައިފިއެވެ. މިއީ އިންޖިނިއަރިން ސާރވިސްއަށް ޙާއްސަކޮށް އައިލެންޑު އޭވިއޭޝަންގައި ވަކި އިމާރާތެއް ޤާއިމްކުރި ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަންގެ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުއްވައިދެއްވީ އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް އިޔާސްއެވެ.
ބިލްޑިންއަށް ނަންދެވިފައިވާ އަލްމަރްހޫމް ޢަލީ ފިރާޤަކީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މި އިމާރާތް އެޅުމުގެ ޚިޔާލު ދެއްވީ ފިރާޤު ކަމުގައެވެ.
އިޔާސް އިތުރަށް ވިދާޅުވީ، އެ އިމާރާތް އެޅުމަށް ފުރަތަމަ ކުރެވުނު މަސައްކަތަކީ 2016 ވަނަ އަހަރު ޕްރޮޕޯސަލް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށައެޅުން ކަމަށެވެ. އެއަށްފަހު2021 ވަނަ އަހަރު ކުންފުނީގެ ބޯޑުން މި މަޝްރޫޢަށް ބޭނުންވާ ބަޖެޓް ފާސްކޮށްދެއްވައި 2022 ވަނަ އަހަރު ބަޔަކާއި ހަވާލުކުރެވުނުކަމަށް އިޔާސް ވިދާޅުވިއެވެ.
މި އިމާރާތާއިއެކު މަސައްކަތް އިތުރަށް އަވަސްވެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަންގެ އިންޖީނިއަރިން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ހާމަކުރެއެވެ.