Ads by Stelco

ޚަބަރު

މި އަހަރުގެ މިހާތަނަށް ނަފްސާނީ އެހީގެ ހެލްޕްލައިނުން އެތައް ހާސް ބަޔަކު އެހީ ހޯދައިފި

މި އަހަރުގެ މިހާތަނަށް ނަފްސާނީ އެހީގެ ހެލްޕްލައިނުން އެތައް ހާސް ބަޔަކު އެހީ ހޯދައިފި

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2025، 09:51

07 ޖުލައި 2025، 09:51

ނަފްސާނީ ބަލި މީހުންނަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ ހެލްޕްލައިނުގެ ޚިދުމަތް, މި އަހަރުގެ މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، މި އަހަރުގެ ޖެނުއަރީން ފެށިގެން 5 ޖުލައިގެ ނިޔަލަށް 5،820 މީހުން ވަނީ ހެލްޕްލައިނުގެ ޚިދުމަތް ހޯދާފައެވެ. މިއީ ފާއިތުވި އަހަރު، މުޅި އަހަރު ތެރޭގައި މި ޚިދުމަތް ހޯދި 2،576 މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

ނަފްސާނީ ބަލި ތަޙައްމަލުކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން 1677 ނަންބަރުގެ ޤައުމީ ހެލްޕްލައިން އިފްތިތާޙްކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. މި ހެލްޕްލައިނަކީ 24 ގަޑިއިރު ޚިދުމަތްދޭ ނަންބަރެކެވެ.

ސިއްޙީ ވުޒާރާއިން ފާހަގަކުރާގޮތުގައި، ހެލްޕްލައިނަށް ގުޅާ ފަރާތްތަކުން އެދެނީ ނަފްސާނީ ސިއްޙަތުގެ ޚިދުމަތް ލިބެންހުރި ތަންތަނުގެ މަޢުލޫމާތާއި، ނަފްސާނީ އެހީތެރިކަމާއި، ކުއްލި ހާލަތުގެ އެހީތެރިކަމާއި، ފޮލޯއަޕް އަދި ރެފަރަލް ހެދުމުގެ ޚިދުމަތްތަކަށެވެ.

މި ހެލްޕްލައިނުގެ އަމާޒަކީ ނަފްސާނީ ހާލަތެއް ނުވަތަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ އެކި އުމުރުފުރައިގެ މީހުންނަށް ކޮންމެ ވަގުތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއެކު، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށް ރިފަރަލް ހެދުމުގެ ޚިދުމަތްވެސް މި ހެލްޕްލައިނުން ފޯރުކޮށްދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS