ޚަބަރު
ޗައިނާގެ އިތުރު މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް
ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ޗައިނާގެ އިތުރު މަންޒިލަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން މިރެއިން ފެށިގެން ޗައިނާގެ ޝެންޒެން ސިޓީއަށް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މޯލްޑިވިއަންއިން މިހާރު ދަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިއަހަރުގެ ޖަނަވަރީ މަހު ވަނީ ޗައިނާގެ ތިން މަންޒިލަކަށް، އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށް ދަތުރުތައް ފަށާފައެވެ.
ޝެންޒެންއަށް ކުރާ ދަތުރުތަކަކީ ސީޒަނަލް ދަތުރުތަކެއް ކަމަށްވާއިރު، 21 އޮގަސްޓާ ހަމައަށް ހަފްތާއަކު އެއް ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ޗައިނާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް ފެށިފައިވަނީ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ފުއްދުމުގެ ގޮތުން ކުރެވުނު ކަމެކެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް 148،951 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މޯލްޑިވިއަންއިން ޗައިނާގެ މާކެޓް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދާދިފަހުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުނި ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާ ރަސްމީކޮށް ގުޅިފައެވެ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ޓްރެވަލް އެޖެންޓުންނާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބި، ޓިކެޓް ހޯދުމުގެ ފަސޭހަކަން އިތުރުވެގެންދާނެ ކަmމަށް އެ ކުންފުނިން ބުނެފައިވެއެވެ.