ދީން
އެންމެ މާތް ރަސޫލާގެ އެންމެ މާތް އުއްމަތް

އިމާމުލް ބޫޞީރީގެ މަޝްހޫރު ޅެންބައިތެއްގެ ޢަޖުޒެއް

ފަރުދުން
07 ޖުލައި 2025، 10:23
07 ޖުލައި 2025، 10:23
بسم الله الرحمن الرحيم
އުންމަތެއްގެ ޢިއްޒަތާއި ޝަރަފަކީ އެއުއްމަތަކަށް ފޮނުއްވާ ރަސޫލަކާ ގުޅިފައިވާ ކަމެއްކަމީ ބުއްދި ޤަބޫލުކުރާ ޙަޤީޤަތެކެވެ. އެހެނީ، ރަސްރަސްކަލުން ވެސް، އެންމެ ދަށް ފަންތީގެ މީހުންނާ މުޢާމަލާތު ކުރުމަކަށް، އެބޭފުޅުންގެ އެންމެ އަރިސް ވަޒީރުންނެއް ނުފޮނުއްވައެވެ. އެއީ، ޙައްޤު ނޫން ބަޔަކަށް އެފަދަ ޤަދަރާއި ޝަރަފު ނުދިނުމަށްޓަކައެވެ. ހަމައެފަދައިން، މާތް ﷲ ވެސް، އެކަލާނގެ އެންމެ މާތް ކުރެއްވި ރަސޫލާ ކަމުގައިވާ އަޅުގަނޑުމެންގެ ޞާޙިބާ މުޙައްމަދު ﷺ ފޮނުއްވެވީ އެކަލާނގެ އެންމެ މާތް ކުރެއެވި އުއްމަތަށެވެ.
މިގޮތުން، މާތް ﷲ ރަސޫލުﷲ ގެފާނަށް ދެއްވި ޞިފަފުޅުތަކާއި، ތަޢްރީފާއި ޘަނާގެ ބަސްފުޅުތަކާ ހަމަ އެއް ފަދަ ލަފުޒުތަކަކުން ކީރިތި ޤުރްއާނުގައި އެކަލޭގެފާނުގެ އުންމަތް ޞިފަކުރައްވާފައިވާ ކަމަށް ބައެއް ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ކީރިތި ޤުރްއާނުގެ އާޔަތްތައް އިސްތިޤްރާ ކުރާ (އެބަހީ: ހޯދާ ބަލާ) މީހަކަށް ފެންނާން ހުރި ކަމެކެވެ. މިކަމުގެ 11 މިޘާލެއް މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ އިމާމް އިބްނުލް ޖައުޒީ (އ. 597 ހިޖުރީ) އެކަލޭގެފާނުގެ ފޮތް "ފުނޫނުލް އަފްނާން" ގެ އެންމެ ފަހު ބާބުގައި ވަނީ ހިމަނުއްވާފައެވެ. އާޔަތްތަކުގެ ސޫރަތް އަދި ޢަދަދު ނަންބަރާ އެކު، އާޔަތާއި ދިވެހި ތަރުޖަމާ ތިރީގައި އެވަނީ ބަޔާންކުރެވިފައެވެ.
1- ކަންކަމުގައި ލުއިފަސޭހަ ގޮތް އިރާދަކުރެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މެދު ވަޙީ ކުރެއްވިއެވެ:
مَا كَانَ عَلَى النَّبِيِّ مِنْ حَرَجٍ (33:38)
މާނައީ: "ނަބިއްޔާގެ މައްޗަށް އެއްވެސް އުނދަގޫކަމެއް ނުވެއެވެ."
އަދި މިއުންމަތުގެ މުއުމިނުތަކުންނަށް ވަޙީކުރެއްވިއެވެ:
ومَا جعَلَ عليكُم في الدّينِ مِن حرَج (22:78)
މާނައީ: "އަދި ދީނުގައި ތިޔަބައިމީހުންގެ މައްޗަށް އެއްވެސް އުނދަގޫކަމެއް އެކަލާނގެ ނުޖައްސަވަތެވެ."
2- ފާފަތައް ފުއްސެވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ:
لِيغفرَ لك اللهُ ما تقَدّمَ مِن ذنبِكَ ومَا تأخّرَ (48:2)
މާނައީ: "އެއީ ކަލޭގެފާނުގެ ކުށްފާފައިން އިސްވެދިޔަކަންކަމާއި ފަސްވެފައިވާ ކަންކަން އެކަލާނގެ ކަލޭގެފާނަށް ފުއްސަވައިދެއްވުމަށެވެ."
އަދި ހަމަ މިބީދައިން މިއުންމަތުގެ މުއުމިނުތަކުންނަށް ވަޙީކުރެއްވިއެވެ:
ويَغفِر لكم ذنوبَكم (3:31)
މާނައީ: "އަދި ތިޔަބައިމީހުންގެ ކުށްފާފަތަށް އެކަލާނގެ ތިޔަބައިމީހުންނަށް ފުއްސަވައިދެއްވާނެތެވެ."
3- ނިޢުމަތް ފުރިހަމަކޮށްދެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާއަށް ވަޙީ ކުރެއްވިއެވެ:
ويُتمّ نعمَته عليكَ (48:2)
މާނައީ: "އަދި އެކަލާނގެ ނިޢުމަތް ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވަތެވެ."
މިއުންމަތުގެ މުއުމިނުތަކުންނަށް އެކަލާނގެ ވަޙީކުރެއްވީ މިފަދައިންނެވެ:
وأَتْمَمْتُ عَليكُم نِعمَتي (5:3)
މާނައީ: "އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމުއެވެ."
4- ސީދާމަގަށް މަގުދެއްކެވުން
މާތް ﷲ އެކަލާނގެ ނަބިއްޔާއަށް ވަޙީ ކުރެއްވިއެވެ:
وَيهدِيكَ صِراطًا مُستقيمًا (48:2)
މާނައީ: "އަދި ސީދާވެގެންވާ މަގަކަށް އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވުމަށެވެ."
މިއުންމަތުގެ މުއުމިނުތަކުންނާ މެދު ވަޙީކުރެއްވިއެވެ:
وإنَّ اللهَ لهَادِ الّذينَ آمنُوا إلى صِراطٍ مُستقِيم (22:54)
މާނައީ: "ހަމަކަށަވަރުން، ﷲއީ އީމާންވީ މީސަތްކުންނަށް ސީދާވެގެންވާ މަގަކަށް މަގުދައްކަވާ ރަސްކަލާނގެ ކަން ކަށަވަރެވެ."
5- ނަޞްރާއި ކާމިޔާބު މިންވަރުކޮށްދެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާއަށް ވަޙީ ކުރެއްވިއެވެ:
وَينصُرَكَ الله نصرًا عزيزًا (48:2)
މާނައީ: "އަދި ގަދަފަދަވެގެންވާ ނަޞްރަކުން ﷲ ކަލޭގެފާނަށް ނަޞްރުދެއްވުމައްޓަކައެވެ."
މުއުމިނުތަކުންނާ މެދު އެކަލާނގެ ވަޙީކުރައްވަނީ މިފަދައިންނެވެ:
وكَان حقًّا علينَا نصرُ المؤمِنينَ (30:47)
މާނައީ: "އަދި މުއުމިނު ތަކުންނަށް ނަޞްރުދެއްވުމަކީ ތިމަންރަސކަލާނގެ މައްޗަށް އޮތް ޙައްޤެއް ކަމުގައި ވިއެވެ."
6- ޙައްގު ދީނުގެ މަތީގައި ޘާބިތުކުރެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ:
ولولا أن ثَبَّتناكَ... (17:74)
މާނައީ: "އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޘާބިތުކަން ނުދެއްވިނަމަ..."
ހަމަ މިފަދައިން، މިއުންމަތުގެ މުއުމިނުތަކުންނާ މެދު ވަޙީކުރެއްވިއެވެ:
يُثبّت الله الّذين آمنوا (14:27)
މާނައީ: "އީމާންވީ މީސްތަކުންނަށް ﷲ ޘާބިތުކަން ދެއްވަތެވެ."
7- އަޅުތަކުން ރުހޭ ފަދަ ޖަޒާއެއް ދެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ:
ولسوفَ يُعطيكَ ربُّكَ فتَرضَى (93:5)
މާނައީ: "އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލޭގެފާނަށް ދެއްވާނެތެވެ. އޭރުން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ."
މިއުންމަތުގެ މުއުމިނުތަކުންނާ މެދު އެކަލާނގެ ވަޙީކުރެއްވިއެވެ:
لَيُدخِلنَّهم مُدخَلًا يرضَونَه (22:59)
މާނައީ: "ހަމަކަށަވަރުން، އެއުރެން ރުހޭތަނަކަށް (އެބަހީ: ސުވަރުގެއަށް) އެކަލާނގެ، އެއުރެން ވައްދަވާހުށްޓެވެ."
8- ހިތްތައް ތަނަވަސްކޮށްދެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ:
ألَم نشرَحْ لكَ صدرَك (94:1)
މާނައީ: "ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަމު ތޯއެވެ؟"
އަދި މުއުމިނުތަކުންނާ މެދު ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ:
فمن يُردِ اللهُ أن يَهديَهُ يشرَح صدرَه للإسلام (6:125)
މާނައީ: "ފަހެ ﷲ ތެދުމަގު ދެއްކެވުމަށް އިރާދަކުރައްވާ މީހަކަށް، އިސްލާމް ދީނަށް އެމީހެއްގެ ހިތް އެކަލާނގެ ތަނަވަސްކޮށްދެއްވަތެވެ."
9- ނިމުމެއްނެތް އަޖުރެއް ތައްޔާރުކުރެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ:
وإنّ لك لأجرًا غيرَ ممنُونٍ (68:3)
މާނައީ: "އަދި ހަމަކަށަވަރުން، ނިމުމެއްނުވާ ދަރުމައެއް ކަލޭގެފާނަށް ހުށްޓެވެ."
މުއުމިނުތަކުންނާ މެދު އެކަލާނގެ ވަޙީކުރެއްވިއެވެ:
فلَهُم أجرٌ غيرُ مَمنونٍ (95:6)
މާނައީ: "ފަހެ، އެއުރެންނަށް ނިމުމެއްނުވާ ދަރުމައެއް ހުއްޓެވެ."
10- ޤިޔާމަތްދުވަހު ހެކިވެރިން ކަމުގައި ލެއްވެވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ:
وجِئنَا بِك على هؤلاءِ شَهيدًا (4:41)
މާނައީ: "އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، (ކާފިރުންގެ ޙާލު ކޮންފަދަތޯއެވެ؟)"
މިއުންމަތުގެ މުއުމިނުތަކުންނާ މެދު ވަޙީކުރެއްވިއެވެ:
لِتَكُونوا شُهداءَ على النّاس (2:143)
މާނައީ: "އެއީ (ޤިޔާމަތް ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވެރިންތަކެއް ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ."
11- ޞަލަވާތާއި ރަޙުމަތް ލެއްވުން
މާތް ﷲ އެކަލާނގެ ނަބިއްޔާ އާ މެދު ވަޙީ ކުރެއްވިއެވެ:
إنّ الله ومَلائِكتَه يُصلّونَ على النّبيّ (33:56)
މާނައީ: "ހަމަކަށަވަރުން، ﷲއާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ."
ހަމަ މިފަދައިން މިއުންމަތުގެ މުއުމިނުތަކުންނަށް ވަޙީކުރެއްވިއެވެ:
(33:43) هُو الّذي يُصلّي عليكُم وملائكَتُه
މާނައީ: "އެކަލާނގެއީ ތިޔަބައިމީހުންގެ މައްޗަށް ޞަލަވާތް (އެބަހީ: ރަޙްމަތް) ލައްވަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ މަލާއިކަތުން ވެސް މެއެވެ (އެބަހީ: ރަޙްމަތް ލެއްވުމަށް ދުޢާ ކުރެއްވައެވެ)."
މިހިސާބުން ރަޙުމަތް ލެއްވި އިބްނުލް ޖައުޒީގެ އަރިޔަހުން އަޅުގަނޑު ނަޤުލުކުރަން ޤަޞްދުކުރި ބައި ނިމުނީއެވެ. މިއިން އެންމެ ފަހު ނުކުތާ (11 ވަނަ ނުކުތާ) އަކީ ﷲ އެބޭކަލަކަށް ރުއްސުން ލެއްވި، "ތަރްޖަމާނުލް ޤުރްއާން" ގެ ލަޤަބު ލިބިވަޑައިގެންނެވި އިބްން ޢައްބާސްގެފާނު ފާހަގަކުރެއްވި ނުކުތާއެއްކަމަށް އިބްނުލް ޖައުޒީ ވަނީ ލިޔުއްވާފައެވެ. އިބްން ޢައްބާސްގެފާނު ޤުރްއާނުގެ މިފަދަ ޖަވާހިރުތައް ހޯއްދެވުމަކީ ޢަޖައިބެއް ނެތް ކަމެކެވެ. އެހެނީ، އެކަލޭގެފާނަށް ޤުރްއާނުގެ ޢިލޮމު ދެއްވުމަށް ކީރިތި މާތް ނަބިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.
އިސްވެ ބަޔާންވެގެންވީ ކޮންމެ ޖޯޑަކީ ޤުރްއާނުގެ އެކިއެކި ތަންތަނުގައި ހިމެނޭ އާޔަތްތަކެވެ. ވިދިވިދިގެންވާ އާޔަތްތަކެއް ނޫނެވެ. ވީމާ، މިކަމުން ހާމަވަނީ ޢިލްމުވެރިން ކީރިތި ޤުރްއާނަށް ދެއްވަވާ އަހައްމިއްޔްތާއި، އެފޮތުގެ އާޔަތްތަކާ މެދު ވިސްނަވާ މިންވަރެވެ. އަދި އެއާޔަތްތައް ތަދައްބުރު ކުރި ކޮންމެ މީހަކަށް، ކީރިތި މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ އުއްމަތުގެ މާތްކަމާއި މަތިވެރިކަން ހަމަ ޔަޤީނުން ވެސް ދޭހަވާނެއެވެ. އެހެންކަމުން، މިމާތް އުންމަތުގެ ބައެއް ކަމުގައި ލެއްވިކަމަށްޓަކައި މާތް ﷲއަށް ޙަމްދާއި ޝުކުރު އަދާ ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ވީމާ، މިކަމަށް ވަޞިއްޔަތްކުރާ ޙާލު، ރަޙުމަތް ލެއްވި ޅެންވެރިޔާ، އިމާމުލް ބޫޞީރީ ގެ މަޝްހޫރު ބަސްފުޅުން ލިޔުން ކުރުކޮށްލަމެވެ:
بِأكرَمِ الرُّسْلِ كُنَّا أكرَمَ الأُمَمِ
މާނައީ: "އެންމެ މާތް ރަސޫލުކަލޭގެފާނައިގެން ތިމަންމެން އެންމެ މާތް އުންމަތް ކަމުގައި ވީމުއެވެ."
وصلِّ اللهمّ وسلِّم على سيّدنا محمد وعلى آله وصحبه أجمعين.