ޚަބަރު
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު 3 މަސް ދުވަހުގެ ތެރޭގައި ނެގޭނެ ގޮތަށް ބިލެއް މަޖިލީހަށް

2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގެ ތެރެއިން ފޮޓޯ:މަޖިލިސް
ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އެ ވޯޓު ބާއްވަންޖެހޭނެ ގޮތަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
"ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" މި ނަމުގައި ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުމެވެ. މިހާރު ރާއްޖޭގައި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާގުޅޭ ޤާނޫނެއް ވުޖޫދުގައި ނެތެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ. ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ ޤާނޫނުއަސާސީގެ މާއްދާތައް:
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
- ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
- ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
- ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
- ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
- ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ
މީގެ އިތުރުން، ޤާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ރައްޔިތުންގެ ރުހުން އެ ބިލަށް އޮތްތޯ ބެލުމަށްވެސް ވޯޓަށް އެހޭނެކަން ބިލުގައި ހިމަނުއްވާފައިވެއެވެ.
ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ޤަރާރެއް ފާސްކުރާ ހާލަތުގައި ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ނިންމަވާ ހާލަތުގައި އެ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރާނެއެވެ. މަޖިލީހަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަން ޤަރާރެއް ފާސްކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދަން މަޖިލީހުން ނިންމާ ކަންކަމުގައި، ވޯޓަށް ހުށަހަޅާ ސުވާލާއި އެ މައްސަލައާ އެއްކޮޅު ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތައް ބަޔާންކުރާ ކަރުދާހެއް އެކުލަވާލައި ފާސްކުރަންޖެހޭނެއެވެ. އަދި ރައީސުލްޖުމްޙޫރިއްޔާ ނިންމަވާ ކަންކަމުގައި، ޚިޔާލު ހޯދަން ހުށަހަޅުއްވާ ސުވާލާއި އެއްކޮޅަށް ހުރި ހުއްޖަތުތައް ބަޔާން ކުރާ ކަރުދާހެއް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެކުލަވައިލަންޖެހޭނެއެވެ.
މަޖިލީހުން ފާސްކުރާ ޤަރާރާއި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ޤަރާރު، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާ ތާރީޚެއް އިއުލާންކުރުމުގެ ކުރިން އަނބުރާ ގެންދެވޭނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެއެވެ. އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
މި ބިލުގައިވާގޮތުން، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ނަގާ ދުވަހުގެ 14 ދުވަސް ކުރިން އިއުލާންކުރަންޖެހޭނެއެވެ. މި އިންތިޚާބާ ގުޅިގެން މިހާރުވެސް އާންމު އިންތިޚާބުތަކުގައި ކެމްޕޭން ކުރެވޭ އުސޫލާ އެއްގޮތަށް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އިންތިޚާބުތަކުގެ ޚަރަދުތައް ހަމަޖައްސާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް ސަރުކާރުގެ ފަރާާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.