ދުނިޔެ

ޣައްޒާގައި މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގި އިސްރާއިލް ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

ޣައްޒާގައި މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގި އިސްރާއިލް ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއިލްގެ ސިފައިންގެ މީހެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2025، 11:58

07 ޖުލައި 2025، 11:58

ޣައްޒާގައި ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގި އިސްރާއިލްގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެެއްޖެއެވެ.

އިސްރާއީލުގެ ސަފަދު ސަރަހައްދުގައި ދިރިއުޅެމުން އައި 24 އަހަރުގެ ޑެނިއަލް އެޑްރީ އަމިއްލައަށް މަރުވީ އަމިއްލައަށް ހަށިގަނޑުގައި އަލިފާން ރޯކޮށްލުމަށްފަހުއެވެ. އޭނާގެ ހަށިގަނޑު އެ ސަރަހައްދުގެ ވަލެއްގައި ހުރި ކާރެއްގެ ތެރެއިން ވަނީ ފެނިފައެވެ.

އެޑްރީ އަކީ ޣައްޒާ އާއި ލުބްނާންގެ ހަނގުރާމައިގައި ބައިވެރިވެފައިވާ ރިޒާވް ސިފައިންގެ މީހެކެވެ.

"އޭނާ އަހަންނަށް ބުނި، ވަރަށް ބިރުވެރި މަންޒަރުތައް ދުށް ވާހަކަ. އަދި 'މަންމާ، އަހަންނަށް އަބަދުވެސް އަނދާފައި ހުރި ހަށިތައް ފެނޭ، އަދި އޭގެ ވަސްވެސް ދުވާ” އެޑްރިންގެ މަންމަ ބުނެފައިވެއެވެ.

އިސްރާއީލީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ޣައްޒާގެ ޤަތުލްއާންމު އަދި ލުބްނާންގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެޑްރީއަށް ވަނީ ޕީޓީއެސްޑީ (ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ) ޖެހިފައެވެ. ފާއިތުވި މަސްތަކުގައި އޭނާ ވަނީ މެޑިކަލް ފަރުވާދޭ ފަރާތްތަކަށް އަމިއްލައަށް މަރުވާން ބޭނުންވާ ޚިޔާލުތައް އަންނަ ކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެފައެވެ.

އެޑްރީގެ ދައްތަ ބުނެފައިވާ ގޮތުގައި، އޭނާގެ ރައްޓެހިން ދެމީހަކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި މަރުވުމަށްފަހު، އޭނާގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ.

އެޑްރީ އޭނާގެ ރައްޓެއްސަކަށް ފޮނުވި މެސެޖެއްގައި ލިޔެފައިވަނީ "އަޑުއަހާ އަޚާ، އަހަރެން މި ދަނީ ކޮންޓްރޯލް ގެއްލެމުން. އަހަރެންނަކީ ނުރައްކާތެރި މީހެއް. އަހަރެން މިހިރީ ގޮއްވާލަން ތައްޔާރަށް ހުރި ބޮމެއްހެން" މިހެންނެވެ.

ޣައްޒާގެ ޤަތުލްއާންމު ފެށުނީއްސުރެ، އިސްރާއީލް ސިފައިންގެ ތެރެއިން މަދުވެގެން 40 ސިފައިން އަމިއްލައަށް މަރުވެފައިވާ ކަމަށް އިސްރާއީލްސިފައިން ބުނެއެވެ. މީގެ ތެރޭގައި ގިނައީ ރިޒާވް ސިފައިންނެވެ. ނަމަވެސް ޚިދުމަތުން ވަކިވުމަށްފަހު އަމިއްލައަށް މަރުވާ ސިފައިންގެ ތަފާސްހިސާބު ބަލަހައްޓާ ރަސްމީ އިދާރާއެއް ނެތްނަމަވެސް، މީޑިއާތަކުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މަދުވެގެން 11 ރިޒާވް ސިފައިން ވަނީ ނަފްސާނީ މައްސަލަތަކާ ގުޅިގެން އަމިއްލައަށް މަރުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS