ދުނިޔެ
ނިއުކްލިއަރ ކާރިސާއެއް ދިމާވެއްޖެނަމަ މުޅި ދުނިޔެއަށް އެކަމުގެ އަސަރު ކުރާނެ : ޗައިނާގެ ޚާރިޖީ ވަޒީރު

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ
ނިއުކްލިއަރ ބޮޑު ކާރިސާއެއް ދިމާވެއްޖެނަމަ އެކަމުގެ އަގު މުޅި ދުނިޔެއަށް ދައްކަން ޖެހޭނެ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެއެވެ. ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި، ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާންގް ޔީ ވަނީ މިކަމުގެ ސީރިއަސްކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ "ފުރަތަމަ ބާރު، ދެން ސުލްހަ" މިފަދަ ފިކުރުތަކަކީ ހަމައެކަނި ބާރުގެ ލޮޖިކް ކަމަށާއި، ބާރުން ސުލްހަ ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ވާންގް ޔީ އިޢުލާން ކުރެއްވީ، މެދުއިރުމަތީގެ އަސްލު މައްސަލަ ކަމަށްވާ ފަލަސްތީނުގެ މައްސަލަ ހައްލުނުކޮށް އީރާނުގެ ނިއުކްލިއަރ މައްސަލައަށް ހަގީގީ ހައްލެއް ހޯދުމަކީ ނުކުޅަދާނެ ކަމެއް ކަމަށެވެ. އޭނާ ވަނީ ޣައްޒާގެ އިންސާނީ ކާރިސާ ވަގުތުން ހައްލުކުރުމަށް ގޮވާލައްވާފައެވެ. އަދި މެދުއިރުމަތީގެ މައްސަލައަށް ހައްލެއް ހޯދުމަށް އޮތް ހަމައެކަނި އަމަލީ މަގަކީ ދެ ދައުލަތުގެ ހައްލު ކަމަށް ވިދާޅުވެ، ބައިނަލްއަގްވާމީ މުޖުތަމަޢަށް ވަނީ މިކަމަށް އަސަރުގަދަ އަދި އަމަލީ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ މައްސަލައާ މެދު ޗައިނާގެ މަގާމަކީ ސާފު އަދި އެއްގޮތް މަގާމެއް ކަމަށެވެ. އީރާނުގެ ސުޕްރީމް ލީޑަރު ނިއުކްލިއަރ ހަތިޔާރު ނުހައްދަވާނެ ކަމަށް ދެއްވާފައިވާ ޔަގީންކަމަށް ޗައިނާއިން އަހައްމިއްޔަތުކަން ދޭ ކަމަށާއި، ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގައި ސޮއިކޮށްފައިވާ ދައުލަތެއްގެ ގޮތުން ސުލްހަވެރި ނިއުކްލިއަރ ހަކަތަ ބޭނުންކުރުމުގެ ހައްގަށް ޗައިނާއިން އިޙްތިރާމްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވީހާ ވެސް އަވަހަށް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ އާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި، އެގޮތުން އީރާނުގެ ނިއުކްލިއަރ ހަރަކާތްތައް ބައިނަލްއަގްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ހަރުކަށި ބެލެހެއްޓުމާއި ރައްކާތެރިކަމުގެ ދަށަށް ގެނައުން މުހިންމު ކަމަށް އޭނާ ހާމަކުރެއްވިއެވެ. ވާންގް ޔީ ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ މައްސަލައަށް ހައްލަކީ ހަނގުރާމަ ނޫން ކަމަށާއި، އިޒްރޭލާއި އީރާނާ ދެމެދު އަސްކަރީ ހަނގުރާމައެއް އަލުން ދިމާނުވުން އެދެވިގެންވާ ކަމަށެވެ.