ޚަބަރު
ގޯތި ދޫކުރަން އެއްބަސްވުންތަކަށް ބަދަލު ގެނައީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން: ވަޒީރު މުއްޠަލިބް

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވަނީ، ދައުލަތުން ހަދާ އެއްބަސްވުންތައް ޤާނޫނާ ފުށުނާރާ ގޮތަށް ހުންނަންޖެހޭތީ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ގުޅީފަޅުން ދޫކުރާ ގޯއްޗާއެކު ހަދާ އެއްބަސްވުމުގައި "ނުރައްކާތެރި" ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރަމުންދާ ދަނޑުވަޅެއްގައެވެ. މިކަމަށް އިޝާރާތްކުރައްވައި، ސޯޝަލް މީޑިއާގައި ވަޒީރު ޑރ. މުއްޠަލިބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައި، ދިރިއުޅުމަށް ގޯތި ދެވޭ ގޮތް އެ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށްވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ، އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށްވެސް އެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ.
— Abdulla Muththalib (@muththo) July 7, 2025
ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް… https://t.co/PkQc6l55vv pic.twitter.com/uCiBEc0d3a
ގުޅީފަޅުގެ ގޯތިތަކުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. މިކަމުގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.
އައު ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހައްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް، ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައް ޕޯޓަލްގައި ވަނީ ހިމަނާފައެވެ.
ނިމުނު ސަރުކާރުގައި އެކުލަވާލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތިކަމަށް މި ސަރުކާރުން ވިދާޅުވެއެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފަވާކަން ފާހަގަކުރެއެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުވެގެނެސްފައިވެއެވެ.