ދުނިޔެ
ފްރީޑަމް ފްލޯޓްގެ “މަދްލީން” ހިފެހެއްޓުމުން “ހަންދަލާ” ޣައްޒާއަށް އެހީ ހިފައިގެން ދަނީ

ޣައްޒާއަށް އެހީ ހިފައިގެން ދާން ތައްޔާރުވަމުންދާ ހަންދަލާ
ހުލާސާ
ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) އިން ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެން ދިޔަ “މަދްލީން” ހައިޖެކްކޮށް އޭގައި ތިބި ފަޅުވެރިން ރަހީނުކުރުމަށްފަހު، އެފަޅުވެރިން ޑީޕޯޓު ކޮށްލުމުން އިޓަލީން “ހަންދަލާ” ނަމަކަށް ކިޔާ އައު އުޅަނދެއް ފުރުވުމަށް ތައްޔާރުވާން ފަށައިފިއެވެ.
އެފްއެފްސީ އިން އިއްޔެ ހާމަކުރި ގޮތުގައި، އިސްރާއިލުން ޣައްޒާގައި އަޅާފައިވާ ނާޖާއިޒު ބްލޮކޭޑް ނިމުމަކަށް ގެނައުމަށްޓަކައި، އިޓަލީން "ހަންދަލާ" ނަމަކަށް ކިޔާ އާ އުޅަނދެއް މިމަހުގެ 13 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މި އުޅަނދު ފުރުމަށް ހަމަޖެހިފައިވަނީ، އިސްރާއިލްގެ ސިފައިން "މަދްލީން" އުޅަނދު ހިފަހައްޓައި، އޭގައި ތިބި 12 އެކްޓިވިސްޓުން ހައްޔަރުކޮށް، އިސްރާއިލަށް ގެންދިޔަތާ ހަފްތާތަކެއް ފަހުންނެވެ. އެ އުޅަނދު ހިފެހެއްޓީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައެވެ.
އެފްއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އުޅަނދުގައި އިންސާނީ އެހީގެ އިތުރުން، "ޣައްޒާގެ ރައްޔިތުންގެ ބަނޑަހައިހޫނުކަމާއި، ބޮންގޮއްވުމުގެ ސަބަބުން ލިބެމުންދާ އަނިޔާއާއި، ވީރާނާވަމުންދާ ޢިމާރާތްތަކުގެ ދަށުގައި ވަޅުލެވެމުންދާއިރު، އެކަމާމެދު ހަނުހުރުމަށް ދެކޮޅުހަދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މެސެޖެއް" ގެންދާނެއެވެ.
"ހަންދަލާ" އުޅަނދަކީ 2010 އިން ފެށިގެން އިސްރާއިލްގެ ބްލޮކޭޑާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ބައިނަލްއަޤްވާމީ ނެޓްވޯކެއް ކަމަށްވާ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ބައެކެވެ. މި އުޅަނދުގައި ހިމެނެނީ ރަޖިސްޓަރީ ކޮށްގެން މަސައްކަތްކުރާ ޑޮކްޓަރުންނާއި، ވަކީލުންނާއި، ނޫސްވެރިންނާއި، އިޖްތިމާޢީ އިންސާފަށް މަސައްކަތްކުރާ އެކްޓިވިސްޓުންނެވެ.
މި އުޅަނދަށް ނަން ދީފައިވަނީ ނަޖީ އަލް-އަލީގެ މަޝްހޫރު ކާޓޫނު ކެރެކްޓަރު "ހަންދަލާ" ގެ ނަމުންނެވެ. ހަންދަލާއަކީ ފަލަސްޠީނުގެ 10 އަހަރުގެ ރެފިއުޖީ ކުއްޖެއް ކަމަށްވާއިރު، އޭނާ ވަނީ އަނިޔާވެރިކަމާ ދެކޮޅަށް ފުރަގަސް ދީ، ފަލަސްޠީނު މިނިވަންވަންދެން ފަހަތަށް ނުބެލުމަށް ހުވާކޮށްފައެވެ.