Ads by Stelco

ޚަބަރު

ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ދެން ރާއްޖެ އެތެރެކުރެވޭނީ ހުއްދަ ނެގުމަށްފަހު

ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ދެން ރާއްޖެ އެތެރެކުރެވޭނީ ހުއްދަ ނެގުމަށްފަހު

މާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތަކެއް/ފޮޓޯ: ޕީއެސްއެމް

07 ޖުލައި 2025، 01:18

ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ދެން ރާއްޖެ އެތެރެކުރެވޭނީ ހުއްދަ ނެގުމަށްފަހުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކަށް ހުއްދަ ނެގުމުގެ ފުރުޞަތު ހުޅުވާލާފައެވެ. 

އެ ވުޒާރާއިން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މިހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނީ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ޚާއްޞަ ހުއްދަ ނެގުމަށްފަހުގައި ކަމަށެވެ. އަދި މު ހުއްދައަށް އެދި އެ ވުޒާރާގެ ޕޯޓަލް "eportal.mta.gov.mv" މެދުވެރިކޮށް މިހާރު ހުށައެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މި ހުއްދައަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ، މިއަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި އެތެރެ ނުކުރެވޭގޮތަށް އެއްގަމު އުޅަނދު ރަޖީސްޓްރީކުރުމުގެ ޤަވާއިދު އިސްލާހުކޮށްފައެވެ. އަދި މި ޤަވާއިދުގައިވާ ގޮތުން މި ހުއްދައަށް އެދޭއިރު، ރާއްޖެއަށް އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ތަން ނުވަތަ ގަރާޖުގެ ހުއްދައިގެ ކޮޕީއާ މިކަމާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް ހުށައަޅަންޖެހޭނެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މި ޤަވާއިދަށް އިސްލާޙު ގެނައީ، މާލޭގައި ހަތަރުފުރޮޅުލީ އުޅަނދުތައް ބާއްވާނެ ޖާގަ ނެތުމުގެ ސަބަބުން، މި މައްސަލައަށް  އެކަށޭނެ ޙައްލެއް ގެނައުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS