ޚަބަރު
ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ބަލައިގަނެ، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީއެވެ.
މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރެއްވުމަށްފަހު ނެގުނު ވޯޓުގައި 69 މެންބަރުން ވަނީ ބިލު ބަލައިގަތުމަށް ތާއީދުކުރައްވާފައެވެ. މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ޤާނޫނުގައި ކަނޑައެޅުމާއި، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާއި އިތުބާރު ދެމެހެއްޓުމެވެ.
ހުށަހެޅިފައިވާ އިސްލާޙުތަކުގެ ތެރޭގައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކޮށްދީފައިވެއެވެ.
މިއިސްލާޙުގެ ދަށުން ފަނޑިޔާރުންނަށް އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމާއި، ދައުލަތުގެ ބިން ގަތުމާއި ކުއްޔަށް ހިފުމުގެ މުޢާމަލާތްތަކުގައި ބައިވެރިވުން މަނާކުރެއެވެ.
މީގެއިތުރުން، ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތަކަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އިސްލާޙުގެ ދަށުން ފަނޑިޔާރުން މަޤާމާ ހަވާލުވާތާ 3 މަސްދުވަހުގެ ތެރޭގައި މިލްކިއްޔާތުގެ މާލީ ބަޔާން ހުށަހަޅަންޖެހޭނެއެވެ. އަދި ކޮންމެ އަހަރެއްގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރެއެވެ.
އަދި މައްސަލަތައް ނިންމުމުގެ މުއްދަތާ ގުޅޭގޮތުންވެސް ވަނީ އައު އުސޫލުތަކެއް ކަނޑައަޅާފައެވެ. މިގޮތުން ފަނޑިޔާރަކާ ހަވާލުކުރެވޭ މައްސަލައެއް އެއް އަހަރު ދުވަހުގެ ތެރޭގައި ނުނިމޭނަމަ، އެކަން ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަންޖެހޭނެއެވެ.