Ads by Stelco

ޚަބަރު

މިއަންނަ އަހަރުގެ ކަލަންޑަރުގައި ހިމަނާނެ ފޮޓޯތައް ހޯދުމަށް "ކަލަންޑަރ ފޮޓޯ މުބާރާތް" ފަށައިފި

މިއަންނަ އަހަރުގެ ކަލަންޑަރުގައި ހިމަނާނެ ފޮޓޯތައް ހޯދުމަށް "ކަލަންޑަރ ފޮޓޯ މުބާރާތް" ފަށައިފި

ކަލަންޑަރު/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

07 ޖުލައި 2025، 03:05

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަންނަ 2026 ވަނަ އަހަރަށް ތައްޔާރުކުރާ ކަލަންޑަރުގައި ހިމަނާނެ ފޮޓޯ ހޯދުމަށް "ކަލަންޑަރ ފޮޓޯ މުބާރާތް" ފަށައިފިއެވެ.

މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ އެންމެ ރީތި 13 ފޮޓޯއެއް މިއަންނަ އަހަރުގެ ކަލަންޑަރުގައި ހިމެނިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މުބާރާތުގައި ކޮންމެ އުމުރެއްގެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އިތުރު ޝަރުތުތަކަކީ:

  • ކޮންމެ ބައިވެރިއަކަށް ވެސް ހުށައެޅޭނީ މަދުވެގެން ތިން ފޮޓޯ އަދި ގިނަވެގެން ފަސް ފޮޓޯ.
  • ރާއްޖޭގެ އެކިރަށްރަށުގައި ޤާއިމްކޮށްފައިވާ މިސްކިތްތަކުގެ ފޮޓޯ (އިންޓީރިއާ، އެކްސްޓީރިއާ، އަދި އޭރިއަލް ވިއު) ހިމެނޭނެ.
  • މުބާރާތަށް ހުށައަޅާ ފޮޓޯތަކުގައި މާތްﷲ ގެ އިސްމުފުޅުތައް، ކީރިތި ރަސޫލާ (ސއވ) ގެ ނަންފުޅާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މަންޒަރުތައް ހިމެނިގެން ނުވާނެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ 12 ފޮޓޯއަށް، ފޮޓޯއަކަށް 2500 ރުފިޔާ އަދި ކަލަންޑަރުގެ ބޭރު ކަވަރުގައި ހިމެނުމަށް ހޮވޭ ފޮޓޯއަށް 1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި ފަނޑިޔާރުން އިންސާފު ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި އުފެންދުންތެރިކަމާއި، ޓެކްނިކަލް ފެންވަރާއި، ކޮލިޓީއާއި، ފަންނުވެރިކަމާއި، ހުނަރު، އަދި ޝަރުތުތަކާއި ގުޅުން ހުރި މިންވަރަށް ބަލާނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ ހުށައަޅަން ޖެހޭނީ "https://shorturl.at/vmPqa" މި ލިންކު މެދުވެރިކޮށްގެންނެވެ. ހަމަ އެހެންމެ، މުބާރާތަށް ހުށައަޅާ ފޮޓޯއާއެކު ބައިވެރިޔާގެ އައިޑީކާޑު ފޮޓޯއާއި، ކޮންމެ ފޮޓޯއެއްގައި އެ ފޮޓޯގެ ލޮކޭޝަނާއި، މިސްކިތުގެ ނަން އަދި ފޮޓޯއާއި ގުޅޭ ކުރު ތަޢާރަފެއް ހިމަނަން ޖެހޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި މުބާރާތަށް ފޮޓޯ ހުށައެޅޭނެ އެންމެ ފަހުގެ ތާރީޚަކީ މިހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 23:59 އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS