ދުނިޔެ
އިސްރާއީލުން ޔަމަނުގެ ބަނދަރުތަކާއި ކަރަންޓު ޕްލާންޓަށް ހަމަލާދީފި

އިޒްރާއިލުން ޔަމަނަށް ދިން ހަމަލާއެއްގައި އަލިފާން ރޯވެފައި އޮތް ސަރަހައްދެއް
ޔަމަނުގެ ހޫތީން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ހުރި ތިން ބަނދަރަކާއި ކަރަންޓު ޕްލާންޓަކަށް އިސްރާއީލުގެ ސިފައިން ހަމަލާދީފިއެވެ.
ހޫތީންވަނީ އިސްރާއީލްގެ ސަރަހައްދުތަކާ ދިމާއަށް އިތުރު މިސައިލްތަކެއް ދޫކޮށްލައިފައެވެ.
އިސްރާއީލްގެ ސިފައިން ބުނާ ގޮތުން، އެ ގައުމުން އާދީއްތަ ދުވަހު ހަމަލާދީފައިވަނީ ރެޑް ސީގެ ސަރަހައްދުގައި ހުރި ހޮދެއިދާ، ރަސް-އީސާ އަދި އަސް-ސަލީފްގެ ބަނދަރުތަކާއި ރަސް ކަތީބް ކަރަންޓު ޕްލާންޓަށެވެ. މީގެ އިތުރުން ހޫތީން ހިފާފައިވާ ގެލެކްސީ ލީޑަރ އުޅަނދުގައި ހަރުކޮށްފައިވާ ރާޑާ ސިސްޓަމަކަށްވެސް ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
އާދީއްތަ ދުވަހުގެ ރޭ ދިން މި ހަމަލާތަކަކީ، ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ތެރޭގައި ޔަމަނަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާތަކެވެ. މި ހަމަލާތައް ދިނީ، އާދީއްތަ ދުވަހުގެ ކުރީކޮޅު ހޫތީން ދޫކޮށްލި މިސައިލްއެއް އިސްރާއީލުން ރައްކާތެރިކަމާއެކު ހުއްޓުވާލުމަށް ފަހުގައެވެ.
ޔަމަނުގެ އާބާދީ ބޮޑު ސަރަހައްދުތައް ކޮންޓްރޯލް ކުރާ ހޫތީން، އިސްރާއީލްގެ މި ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން ހޯމަ ދުވަހުގެ ފަތިހު އިސްރާއީލަށް އަމާޒުކޮށް އިތުރު މިސައިލް ތަކެއް ފޮނުވާލައިފައިވެއެވެ. އިސްރާއީލްގެ ސިފައިން ބުނާ ގޮތުން، ޔަމަނުން ދޫކޮށްލި ދެ މިސައިލް ހުއްޓުވުމަށް މަސައްކަތްކޮށްފައިވެއެވެ. މި ހަމަލާއާ ގުޅިގެން ޖާރޫސަލަމް، ހިބްރޫން އަދި ޑެޑް ސީ ސަރަހައްދުގައި ސަލާމަތީ ސައިރަންތަކުން ސަލާމަތީ ސިގްނަލްތައް އަޅައިފައިވެއެވެ.
ހޫތީން ބުނާ ގޮތުން، ހޫތީން އިޒްރާއިލަށް ދޭ ހަމަލާތަކަކީ އިސްރާއީލްގެ ހަމަލާތަކުން ޣައްޒާގެ ރައްޔިތުން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ.
2023 ވަނަ އަހަރު އިސްރާއީލުން ޣައްޒާގައި ހަނގުރާމަ އިއުލާން ކުރުމަށްފަހު، ހޫތީންވަނީ އިސްރާއީލަށް އެތައްސަތޭކަ މިސައިލް ދޫކޮށްލައި، ރެޑް ސީގެ މުހިންމު ވިޔަފާރި މަގުތަކުގައި ދުއްވާ އުޅަނދުފަހަރަށް 100 އަށްވުރެ ގިނަ ހަމަލާ ދީފައެވެ.