Ads by Stelco

ޚަބަރު

އެމްޑީޕީ ސަރުކާރުގައި ތިބި މެންބަރުންނާއި ވަޒީރުން ގުޅިގެން މާލިއްޔަތުގެ ޤާނޫނާއި ޚިލާފަށް ހުރީ ފައިސާ ނަގާފައި: މެމްބަރު ފަލާހް

އެމްޑީޕީ ސަރުކާރުގައި ތިބި މެންބަރުންނާއި ވަޒީރުން ގުޅިގެން މާލިއްޔަތުގެ ޤާނޫނާއި ޚިލާފަށް ހުރީ ފައިސާ ނަގާފައި: މެމްބަރު ފަލާހް

މެމްބަރު ފަލާހް/ފޮޓޯ: އެޓޯލް ޓައިމްސް

07 ޖުލައި 2025، 03:50

އެމްޑީޕީ ސަރުކާރުގައި ތިބި މެންބަރުންނާއި ވަޒީރުން ގުޅިގެން މާލިއްޔަތުގެ ޤާނޫނާއި ޚިލާފަށް ހުރީ ފައިސާ ނަގާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

އިބްރާހިމް ފަލާހް މިފަދައިން ވިދާޅުވީ، މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވަނީ، އޭރުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުންނާއި ގުޅިގެން މަޝްރޫޢުތަކުގައި ސޮއިކޮށް މާލިއްޔަތުގެ ޤާނޫނާއި ޚިލާފަށް ފައިސާ ނަގާފައިވާކަން ފާހަގަކުރައްވާ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރެއްވި މެމްބަރުންގެ މައްސަލަތައް ބަލަން ފެށުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. 

ފަލާހް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކުންފުނިތަކާއި ވުޒާރާތައް ބަނގުރޫޓްވި އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީން ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބަށް ފައިސާ ނެގުމަށް އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށެވެ. ހަމަ އެހެންމެ، އެއްވެސް ވިސްނުމެއް ނެތި ބޮޑެތި ބަޖެޓްތައް ފާސްކޮށް، އިންތިޚާބާއި ދިމާކޮށް ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުމަށްކަމަށް ބުނެ ބޮޑެތި މަޝްރޫޢުތައް ހިންގިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެއްވެސް ރަށެއްގައި ފެނާއި ނަރުދަމާ ދެވޭނެ ވަރަށް ޚިދުމަތް ޤާއިމްކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ބޭފުޅުންނަށް ވާހަކައެއް ނުދެއްކޭނެ ކުންފުނިތަކާއި ގުޅޭގޮތުންނެއް. އެއްވެސް ކުންފުންޏެއް ނެތް އެމްޑީޕީ ވެރިކަމުން ދިޔައިރު ސަލާމަތަކުން. އާރުޑީސީ ވިޔަސް، ފެނަކަ ވިޔަސް، އެމްޓީސީސީ ވިޔަސް، އެމް.ޑަބްލިއު.އެސް.ސީ ވިޔަސް، ހުރިހާ ކުންފުންޏެއް ވަނީ ބަނގުރޫޓްކޮށްލާފައި.

އިބްރާހިމް ފަލާހް ވިދާޅުވިއެވެ.

މެމްބަރު ފަލާހު ވަނީ، ފުލުހުންނާއި އެހެނިހެން އިދާރާތަކަށް އެމްޑީޕީގެ ވެރިންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަަށް އަދުގެ ސަރުކާރަށް ގޮވާލައްވާފައެވެ. ހަމަ އެހެންމެ، އެމްޑީޕީ ސަރުކާރުގައި މުޅި ދިވެހި ދައުލަތް އެއްކޮށް ވީރާނާކޮށްލާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS