ޚަބަރު
ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި 4 މީހަކަށް އަނިޔާވެއްޖެ

ތިނަދޫ ފޮޓޯ: ޕީއެސްއެމް
ތިނަދޫ ސިޓީގެ ފެރީ ޓާމިނަލް ޖެޓީ ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ، ޖެޓީގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނަށް މި މަޢުލޫމާތު ލިބިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުގެ 13:50 ހާއިރު ކަމަށް ވެއެވެ. މި ލޯންޗުގައި ބޮޑެތި 3 މީހުންނާއި، 3 އަހަރުގެ ތުއްތު ކުއްޖަކާއި، ކެޕްޓަނާއި ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 މީހުން ދަތުރުކޮށްފައިވެއެވެ.
މި އެކްސިޑެންޓުގައި، ލޯންޗުގައި ތިބި 2 ފަސިންޖަރަކަށާއި، ކެޕްޓަނަށާއި ފަޅުވެރިޔާއަށް އަނިޔާވެފައިވެއެވެ. އަނިޔާވެފައިވަނީ ދިވެހި 2 ފިރިހެނުން (އުމުރުން 50 އަހަރުގެ ކެޕްޓަނާއި، އުމުރުން 29 އަހަރުގެ ފަޅުވެރިޔާ) އަދި 2 އަންހެނުންނަށެވެ(އުމުރުން 25 އަހަރާއި 28 އަހަރު) .
އެ މީހުންނަށް މިހާރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި ޚާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.