Ads by Stelco

ޚަބަރު

މޮރޮކޯގައި ދިވެހި އިމާމުންނަށް ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވަނީ

މޮރޮކޯގައި ދިވެހި އިމާމުންނަށް ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވަނީ

ޒުވާން ޚަތީބުން ތައްޔާރުކުރުމުގެ 3 ވަނަ ބެޗް ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2025، 06:04

07 ޖުލައި 2025، 06:04

މޮރޮކޯގައި ދިވެހި އިމާމުންނަށް ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ފަހިކުރުމަށްޓަކައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި ފުރުޞަތަކީ ދިވެހި އިމާމުންގެ ދީނީ ޢިލްމާއި ތަޖުރިބާ އިތުރުކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.

ވަޒީރު ޝަހީމް މިއަދު ވިދާޅުވީ، ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގަވާފައިވާކަމަށެވެ. މި އިންތިޒާމް ފަހިވެގެންދިޔައީ ދިވެހިންނަށް މިފަދަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން، މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން އެ ޤައުމުގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ މޮރޮކޯގެ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މި ފުރުޞަތުގެ ދަށުން ކިޔަވަންދާ ފަރާތްތަކަށް އެމީހުންގެ ތިބުމާ، އަދި ޕޮކެޓް މަނީވެސް ދޭގޮތަށް ކަންތައްތައް ހަމަޖެހިފައިވާކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމުންނަށް މޮރޮކޯގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭ އެއްބަސްވުން ލިބިފައިވާކަމަށާއި، އަދި އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރައްވާނެކަމަށެވެ.

އިމާމުންނަށް މި ފަހިކޮށްދޭ ފުރުޞަތަކީ، އެހެން ޤައުމުތަކުގެ ތަޖުރިބާއާއި ދީނީ ޢިލްމު އިތުރުކުރުމުގެ ބޭނުމުގައި ސަރުކާރުން ދެއްވާ ފުރުޞަތެކެވެ. މިދިޔަ އަހަރުވެސް އެކި ޤައުމުތަކުގައި އިމާމުން ތަމްރީންވުމުގެ ފުރުޞަތުތައް ވަނީ ފަހިކޮށްދީފައެވެ.

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އިމާމުން ތަމްރީންކުރުމުގެ މަސައްކަތުގެ ދަށުން މިދިޔަ އަހަރު 800 އަށްވުރެ ގިނަ އިމާމުން ތަމްރީންކޮށްފައިވެއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާއެއްވެސް ބާއްވާފައިވެއެވެ. މިއީ އިމާމުންގެ ދަޢުރު ފުޅާކުރުމާއި، އިމާމުންނަށް އުނގެނުމުގެ ފުރުޞަތުތައް ހޯދުމާއި އަދި އިމާމުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާއެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS