ޚަބަރު
ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ޚާރިޖީ ވުޒާރާ
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި، ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްޠާނީ، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން އެކަމަށް ތަހުނިޔާ ދަންނަވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ޔަޙްޔާ ހަސަން އަލްޤަހްޠާނީހެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި އެޤައުމުން ދިިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަަގަކުރައްވައި އެކަމަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން، ސަޢުދީގެ ސަރުކާރުން މިއަހަރުގެ ޙައްޖު މޫސުމުގައި "މައްކާ ރޫޓް" އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައިވާތީ، ސަޢުދީ ސަރުކާރުގެ އިސްވެރިންނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެހެންމެ، މި ބައްދަލުވުމުގައި ވަޒީރާއި ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާރޖް ޢަބްދުﷲ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ، އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު ލަޔާނާ އިޙުސާން ބައިވެރިވެވަޑައިގަތެވެ.