ޚަބަރު
ޤައިދީންނަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ކޯހުގެ 8 ވަނަ ބެޗު ފަށައިފި

ޤައިދީންނަށް ކުރިއަށްގެންދާ ކޯހުގެ 8 ވަނަ ބެޗު/ފޮޓޯ: އެމްސީއެސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ޤައިދީންނަށް ކުރިއަށްގެންދާ "ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލްޗަރ" ކޯހުގެ 8 ވަނަ ބެޗު މާފުށީ ޖަލުގައި ފަށައިފިއެވެ.
އެމްސީއެސްއިން ވިދާޅުވީ، މި ކޯސް ކުރިއަށްދާނީ ފަސް ހަފްތާގެ މުއްދަތަކަށް ކަމަށެވެ. އަދި މި ކޯހުގައި ޖުމްލަ 20 ޤައިދީން ބައިވެރިވެފައިވާކަމަށް ސަރވިސްއިން މަޢުލޫމާތުދެއެވެ.
އެމްސީއެސްއިން އިތުރަށް ވިދާޅުވީ، މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުން ކަމަށެވެ. އަދި މި ކޯސް ފުރިހަމަކުރާ ޤައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން ކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، ޖުމްލަ 10 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ކޯހުގައި ބައިވެރިވާ ޤައިދީންނަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ގަސް ހައްދާނެގޮތައި، ގަހަށްޖެހޭ ބަލިތަކާއި، ގަސްއިންދުމަށް ބިން ތައްޔާރުކުރާނެގޮތް ދަސްކޮށްދެވިގެން ދާނެއެވެ.
މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން ކުރިއަށްގެންދާ ކޯހެކެވެ.