ޚަބަރު
ޤައުމީ އެއާލައިނުން މި މަހު ޢުމްރާ ދަތުރުތައް ފަށަނީ

ދިވެހި ޙައްޖުވެރިން މޯލްޑިވިއަންގެ ފްލައިޓްގައި ސަޢޫދީއަށް ދިޔުމަށް ފުރަނީ. ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މި މަހުގެ ފަހުކޮޅު ޢުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މިއީ މި އަހަރުގެ ޙައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކުން އެދެމުންދާ ޚިދުމަތެކެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި، މިއީ އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅެކެވެ.
އިޔާސް ވިދާޅުވީ، މި މަހު ފަހު ހަފްތާގައި މޯލްޑިވިއަަންގެ ފްލައިޓްތަކުން ޢުމްރާ ދަތުރުތަކެއް ކުރުމަށް ނިންމާފައިވާކަމަށާއި އަދި މި އަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައި ވެސް ޢުމްރާ ދަތުރުތައް ކުރަމުންދާނެކަމަށެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޢުމްރާ ދަތުރުތައް ކޮށްދިނުމަށް މިވަގުތު ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކަށެވެ. ހައްޖު ކޯޕަރޭޝަނަށް ކޮށްދޭ ޢުމްރާ ދަތުރުތައް އޮންނާނީ މި މަހުގެ 22 އާއި 27 ވަނަ ދުވަހުގެ ދެމެދުގައެވެ.
މި ދަތުރުތައް ކުރުމަށް ބޭނުންކުރާނީ މި އަހަރު އެ ކުންފުންޏަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ ޙައްޖު މޫސުމުގައި މޯލްޑިވިއަންއިން ސަޢުދީ ޢަރަބިއާއަށް ދެ ދަތުރެއް ކޮށްފައިވެއެވެ. މި ދަތުރުތަކުގައި ދަތުރުކުރި ޙައްޖާޖީން ވަނީ ޤައުމީ އެއަރލައިންގެ ޑައިރެކްޓް ފްލައިޓްތަކުގެ ސަބަބުން ލިބުނު ފަސޭހައާއި ވަގުތު ސަލާމަތްވުމުގެ ކަންކަން ފާހަގަކޮށްފައެވެ.