Ads by Stelco

ޚަބަރު

ކްރިމިނަލް ކޯޓާއި ޑްްރަގް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް މިމަހު ނިމޭނެ: އެޗްޑީސީ

ކްރިމިނަލް ކޯޓާއި ޑްްރަގް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް މިމަހު ނިމޭނެ: އެޗްޑީސީ

ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޯޓު އިމާރާތް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2025، 11:29

08 ޖުލައި 2025، 11:29

ހުޅުމާލޭގައި އަޅަމުންދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް މިމަހު ނިމޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންީ ހާމަކޮށްފިއެވެ.

އެޗްޑީސީން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި، މިވަގުތު ކުރިއަށްދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ބުނެފައިވެއެވެ. މި އިމާރާތް އެޅުމުގެ މައިގަނޑު މަޤްޞަދަކީ މި ދެ ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމެވެ.

މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިމާރާތަށް ޒިޔާރަތްކުރައްވައި، މަސައްކަތް އަވަސްކުރެއްވުމަށް އިރުޝާދު ދެއްވާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި ފާހަގަކުރައްވާފައެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. މި ކޯޓު ކޮމްޕްލެކްސް އެޅުމަށްވެސް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS