ޚަބަރު
ޖޭއެސްސީގައި އާންމުން ތަމްސީލް ކުރާ މެމްބަރަކު ހޮވުމަށް ހުޅުވާލުމުން 8 ބޭފުޅަކު ކުރިމަތިލައިފި

ޖޭއެސްސީގެ އޮފީސް. ފޮޓޯ: މިހާރު
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުޞަތުގައި 8 ބޭފުޅަކު ކުރިމަތިލައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވި ގޮތުގައި، މި މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާކުރެއްވުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.
ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
މި މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
- އަލްއުސްތާޛް އިބްރާހިމް ޒާހިދު (ލިލީމާގެ، ގދ. ވާދޫ)
- އަލްއުސްތާޛް އަހުމަދު ޢަލީ (ހުޅުމާލެ)
- އަލީ އާމިރު (މއ. ޕެންޒީވިލާ)
- އިދުރީސް ފައުޒީ (ފަހިވާގެ، ލ. ކަލައިދޫ)
- އަލްއުސްތާޛް އަހުމަދު ޝާފިއު (އުދަރެސް، ހއ. އިހަވަންދޫ)
- ޑރ. ހުސައިން ފާއިޒު
- އަލްއުސްތާޛް ހަސަން ވަހީދު (ރަންކޮކާގެ، ހދ. ކުރިނބި)
- އަލީ މުޙައްމަދު މަނިކު
މިހާރު ޖޭއެސްސީގައި އާންމުން ތަމްސީލްކުރައްވާ މެންބަރު ޑރ. އައިމިނަތު އުއްމުކުލްޘޫމްގެ މުއްދަތު ހަމަވާތީ، އައު މެންބަރަކު އައްޔަންކުރުމަށް މި ފުރުޞަތު ހުޅުވާލާފައިވަނީ. ޖޭއެސްސީގެ މެންބަރެއްގެ ދައުރަކީ 5 އަހަރު ދުވަސް ކަމަށާއި، އެއް ދައުރު ހަމަކުރުމަށްފަހު އެ މީހަކަށް ދެވަނަ ފަހަރަށް އައްޔަން ނުކުރެވޭނެއެވެ.