ދުނިޔެ

އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވުމާ ގުޅިގެން ބައެއް ފްލައިޓުތައް ކެންސަލްކޮށްފި

އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވުމާ ގުޅިގެން ބައެއް ފްލައިޓުތައް ކެންސަލްކޮށްފި

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަ ލެވޮޓޮބީ ލަކި-ލަކި ގޮވުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޖުލައި 2025، 11:31

08 ޖުލައި 2025، 11:31

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަ، ލެވޮޓޮބީ ލަކި-ލަކި އިއްޔެއިން ފެށިގެން ތިން ފަހަރަށް ގޮވުމާ ގުޅިގެން، ފަތުރުވެރިންގެ މެދުގައި މަޝްހޫރު ބާލީގެ ދަތުރުތަކަށް ބުރޫ އަރައިފިއެވެ. 

ފްލޯރސް ނަމަކަށް ކިޔާ ރަށެގައި ހުންނަ މި ބަރުބަދަ މި ފަހުން ފުރަތަމަ ގޮވާފައިވަނީ މީގެ 3 ހަފްތާ ކުރިންނެވެ. އެ ގޮވުމާއެކު ކަމާގުޅުންހުރި އިދާރާތަކުން ވަނީ މިކަމުގެ އިންޒާރުދީ، ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. 

އޭގެ ދެ ހަފްތާ ފަހުން އިއްޔެ ހެނދުނުގެ ގޮވުމުގައި ފަރުބަދައިން އެރި ދުންތައް ވަނީ 18 ކިލޯ މީޓަރު މައްޗަށް އަރާފައެވެ. މި ގޮވުމާއެކު، އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ގިނަ ބަޔަކު ވަނީ އެމީހުންގެ ގެދޮރު ދޫކޮށް، ސަލާމަތްތެރި ހިސާބުތަކަށް ގޮސްފައެވެ. 

އިއްޔެގެ ހެނދުނުގެ ގޮވުމަށްފަހު، ގާތްގަނޑަކަށް 24 ފްލައިޓަކުން ބާލީއަށް ކުރަން ތާވަލުކޮށްފައި އޮތް ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފްލައިޓުތަކުގެ އުދުހުންތައް މިއަދު ހެނދުނު ވަނީ ފަށާފައެވެ. 

އިންޑޮނޭޝިއާގެ ޖިއޮލޮޖީ އޭޖެންސީގެ ޗީފް މުޙައްމަދު ވަފީދު ހާމަކޮށްފައިވާ ގޮތުގައި، އިއްޔެގެ ގޮވުމަކީ މިދިޔަ ނޮވެންބަރު މަހުގެ ފަހުން އެ ފަރުބަދައިގެ އެންމެ ބޮޑު ގޮވުމެވެ. 

ހޯމަ ދުވަހުގެ ގޮވުމާ ގުޅިގެން، ފަރުބަދައިގެ ވަށައިގެން 7 ކިލޯ މީޓަރު ސަރަޙައްދެއް ވަނީ ހުސްކޮށް، އެ ހިސާބަށް ނުދިއުމަށް އަންގާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން 4،000އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. 

ލެވޮޓޮބީ ލަކި-ލަކި ފަރުބަދަ ވަނީ މި އަހަރު އެތައް ފަހަރަކު ގޮވާފައެވެ. އަދި މި ގޮވުންތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ފަރުބަދަ ގޮވައިގެން 10 މީހަކު ވަނީ މަރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS