ދުނިޔެ

ޓްރަމްޕަށް ހައްޤު އިނާމެއް ކަމަށްބުނެ ނެތަންޔާހޫ ސުލްހައިގެ އިނާމަށް ޓްރަމްގެ ނަން ހުށައަޅައިފި

ޓްރަމްޕަށް ހައްޤު އިނާމެއް ކަމަށްބުނެ ނެތަންޔާހޫ ސުލްހައިގެ އިނާމަށް ޓްރަމްގެ ނަން ހުށައަޅައިފި

ސުލްހައިގެ އިނާމަށް ނަން ހުށައެޅުއްވި ލިއުން ޓްރަމްޕަށް އަރުވަނީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖުލައި 2025، 12:12

08 ޖުލައި 2025، 12:12

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްކޮށްފިއެވެ. ޓްރަމްޕަކީ "ސުލްހަ ގާއިމުކުރުމުގައި" ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ނެތަންޔާހޫ ވިދާޅުވިއެވެ. މިކަން ހާމަކުރެއްވީ ހޯމަ ދުވަހުގެ ރޭ ވައިޓް ހައުސްގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ނެތަންޔާހޫ ވަނީ ނޯބެލް އިނާމު ކޮމިޓީއަށް ފޮނުއްވި ނޮމިނޭޝަން ލެޓާގެ ކޮޕީއެއް ޓްރަމްޕާ ހަވާލުކުރައްވާފައެވެ.
ނެތަންޔާހޫ ވިދާޅުވީ، ޓްރަމްޕަކީ މެދުއިރުމަތީގައި ސުލްހައާއި ސަލާމަތް ގާއިމުކުރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"ރައީސް ޓްރަމްޕް ވަނީ ގިނަ ފުރުސަތުތަކެއް ހާސިލުކުރައްވާފައި. އެ މަނިކުފާނު ވަނީ އަބްރަހާމް އެކޯޑްސް ގާއިމުކުރައްވާފައި. އެކި ސަރަހައްދުތަކުގައި، އެކި ޤައުމުތަކުގައި ސުލްހަ ޤާއިމުކުރުމުގެ މަސައްކަތް އެ މަނިކުފާނު މިހާރުވެސް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، އަޅުގަނޑު މިވަނީ ނޯބެލް ކޮމިޓީއަށް އެ މަނިކުފާނު ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްކޮށްފައި. އެއީ އެ މަނިކުފާނަށް ހައްޤު އިނާމެއް، އަދި އެ މަނިކުފާނަށް އެ އިނާމު ލިބެންވާނެ،" ނެތަންޔާހޫ ވިދާޅުވިއެވެ.

ނެތަންޔާހޫ އިތުރަށް ވިދާޅުވީ، ޓްރަމްޕުގެ ލީޑަރޝިޕަށް އިޒްރޭލުގެ ރައްޔިތުންނާއި ޔަހޫދީ ދަރިކޮޅުގެ މީހުން އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ ބަޔަކު ތައުރީފު ކުރާކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ  އިސްރާއީލްގެ ފަރާތުންނާއި، ޔަހޫދީންގެ ފަރާތުންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ބަޔެއްގެ ފަރާތުން އެ މަނިކުފާނުގެ ލީޑަރޝިޕަށް، މިނިވަން ދުނިޔޭގެ ލީޑަރޝިޕަށް، އަދުލުވެރި މަސައްކަތަށް އަދި ޚާއްސަކޮށް މިހާރު މެދުއިރުމަތީގައި ކުރައްވާ ސުލްހައާއި ސަލާމަތަށް މަސައްކަތް ކުރައްވާކަމަށްޓަކައި ޝުކުރުވެރިކަން އަދި އިހުތިރާމް ދަންނަވަން،" ނެތަންޔާހޫ ވިދާޅުވިއެވެ.

ސުލްހަ ގާއިމުކުރާ ބޭފުޅެއްގެ ގޮތުގައި އަމިއްލަ ނަފްސު ސިފަކުރައްވާ ޓްރަމްޕަށް މި ނޮމިނޭޝަން ލިބިވަޑައިގަތުމުން ހައިރާންކަން ލިބިވަޑައިގެންނެވިކަމަށް ފެނިގެންދިޔައެވެ. ނެތަންޔާހޫއަށް ޝުކުރު އަދާކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "މީ.. އަޅުގަނޑަށް ކުރިއަކުން ނޭނގޭ. ވާއު، ވަރަށް ބޮޑަށް ޝުކުރިއްޔާ. ޚާއްސަކޮށް ނެތަންޔާހޫގެ ފަރާތުން މިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް."

ޓްރަމްޕަށް ވަނީ އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން ގިނަ އަދަދެއްގެ ނޯބެލް ސުލްހައިގެ އިނާމުގެ ނޮމިނޭޝަން ލިބިވަޑައިގެންފައެވެ. ނަމަވެސް އެ މަނިކުފާނަށް މި އިނާމު ލިބިވަޑައިނުގަތުމުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވެއެވެ. ޓްރަމްޕް ވަނީ ނޯވޭގެ ނޯބެލް ކޮމިޓީން އިންޑިއާއާއި ޕާކިސްތާނާއި ދެމެދު، އަދި ސަރބިއާއާއި ކޮސޯވޯއާ ދެމެދު އެ މަނިކުފާނު އަދާކުރެއްވި މެދުވެރިކަމުގެ ދައުރު ފާހަގަނުކުރާކަމަށް ބުނެ ޝަކުވާ ކުރައްވާފައެވެ.

މިހާތަނަށް އެމެރިކާގެ ތިން ރައީސަކަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އެއީ 1906 ވަނަ އަހަރު ތިއޮޑޯ ރޫޒްވެލްޓް، 1919 ވަނަ އަހަރު ވުޑްރޯ ވިލްސަން، އަދި 2009 ވަނަ އަހަރު ބަރަކް އޮބާމާއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS