ދުނިޔެ
އިސްރާއީލާއި އީރާނުގެ ހަނގުރާމައަށްފަހު އެމެރިކާއާއެކު ވާހަކަ ދެއްކުމަށް އިރާނުގެ ރައީސް ހުޅުވާލައްވައިފި

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން
އިސްރާއިލާއި އީރާނާއި ދެމެދު ހިންގި ހަނގުރާމަ ނިމުމަކަށް އައުމަށްފަހު އެމެރިކާއާއެކު ވާހަކަ ދެއްކުމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ދައުވަތުދެއްވައިފިއެވެ.
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އެމެރިކާއާއި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކަށްފަހު އިތުބާރު ގެއްލިފައިވީ ނަމަވެސް، އެމެރިކާއާއެކު ހުރި ތަފާތުތައް ވާހަކަ ދައްކައިގެން ހައްލުކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޓަކަރ ކާލްސަންއާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، އިރާނާއި އެމެރިކާއާ ދެމެދު ހުރި މައްސަލަތައް ވަރަށް ފަސޭހައިން ވާހަކަ ދައްކައިގެން ހައްލުކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި އިންޓަވިއު ދެއްވާފައިވަނީ ޖޫން 13 ގައި އިސްރާއީލުން އިރާނަށް ދިން ނުރައްކާތެރި ހަމަލާތަކަށްފަހުގައެވެ. މި ހަމަލާތަކުގައި އިރާނުގެ އިސް އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން ޝަހީދުވިއެވެ.
އިސްރާއީލުގެ ހަމަލާތައް އައީ އިރާނާއި އެމެރިކާ ނިއުކްލިއަރ މަޝްވަރާތަކުގެ އައު ބުރެއް ފެށުމުގެ ދެ ދުވަސް ކުރިންނެވެ. އަދި ޖޫން 21 ގައި އެމެރިކާއިން ވަނީ އިރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފައެވެ. މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް މަރުވެފައިވަނީ 1،060 މީހުންނެވެ.
"އަޅުގަނޑުމެންނަށް އެމެރިކާއަށް އަލުން އިތުބާރު ކުރެވޭނީ ކިހިނެއްތޯ؟ މަޝްވަރާތައް ކުރިއަށްދަނިކޮށް އިސްރާއީލަށް އަނެއްކާވެސް އަޅުގަނޑުމެންނަށް ހަމަލާދިނުމުގެ ހުއްދަ ނުލިބޭނެކަން ކަށަވަރު ކުރާނީ ކިހިނެއްތޯ؟" ރައީސް ޕެޒެޝްކިއަން ސުވާލު ކުރެއްވިއެވެ.
ޖޫން 24 އިން ފެށިގެން އިރާނާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ މެދުއިރުމަތީގައި "ދާއިމީ ހަނގުރާމަތަކެއް" ގެންގުޅުއްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޕެޒެޝްކިއަން ތުހުމަތު ކުރެއްވިއެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕަށް އިސްރާއީލުގެ ވެރިޔާގެ ސަބަބުން އިރާނާ ދެކޮޅަށް ހަނގުރާމައަކަށް ނުދިއުމަށް އިލްތިމާސް ކުރެއްވިއެވެ.