ޚަބަރު
ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލަނީ

ރާއްޖޭގައި ސްޕޯރޓްސް ފިޝިންގ އަށް ދިޔަ ފަތުރުވެރިއެއް ފޮޓޯ:ޖީޓީ ފިޝަރސް މޯލްޑިވްސް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަށް ޚާއްޞަ ބަނދަރުތައް ތަރައްޤީކުރުމަށް ވަރަށް އަވަހަށް އިންވެސްޓަރުންނަށް ހުޅުވާލާނެކަމަށެވެ. މި ބަނދަރުތައް ޤާއިމުކުރަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި، މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިންނެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި، ވަކިން ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށާއި، އެ ޞިނާޢަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ ތަރައްޤީކުރެވޭ ދާއިރާއެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސްޕޯޓްސް ފިޝިންއަކީ ދަޢުލަތުން ޤަބޫލުކުރާ މަސްވެރިކަމުގެ ބާވަތެއްގެ ގޮތުގައި ކަނޑައެޅުމަކީ މި ސަރުކާރުން އިސްކަން ދެއްވާ ކަމެއްކަމަށެވެ. އަދި މި ބާވަތުގެ މަސްވެރިކަމަށް ޚާއްޞަ ބަނދަރުތަކެއް ޤާއިމުކުރެއްވުމަކީ މި މަސައްކަތުގެ ބައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި، ސްޕޯޓްސް ފިޝިންއަށް ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަށް ޚާއްޞަ ބަނދަރުތަކެއް ތަރައްޤީކުރާނެ ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާކަމަށެވެ. އަދި ވުޒާރާގެ ކަމާބެހޭ ޓީމުން މިހާރު ދަނީ މި ސަރަޙައްދުތައް ބީލަމަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރައްވަމުންކަމަށާއި، މި ބަނދަރުތައް ތަރައްޤީކުރުމަށް އިންވެސްޓަރުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ،
އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް މިބަނދަރުތައް ޤާއިމްކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެތެރެއާއި ބޭރުގެ އިންވެސްޓަރުންނަށް އިރާދަކުރެއްވިއްޔާ ހުޅުވާލެވޭނެ. ތަފާތު ފެއަރ ތަކުގައި ނުވަތަ ތަފާތު ބިޒްނަސް ފޯރަމްތަކުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގައި މި ބަނދަރުތައް ހުޅުވާލާ ވާހަކަ ހިއްސާކުރެވިއްޖެ. އަދި އެއާއެކީގަ އަޅުގަނޑުމެންނަށް ބައެއް ޕްރޮޕޯސަލްތައްވެސް ލިބިފަ ހުރިކަން ފާހަގަކުރަން
ވަޒީރު ވިދާޅުވީ، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރެވިއްޖެނަމަ އެފަދަ މަސްވެރިކަންކުރާ ފަރާތްތަކަށް ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މި ބަނދަރުތައް ތަރައްޤީވެގެންދިއުމާއެކު، ރާއްޖޭގެ އިޤްތިޞާދަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސްޕޯޓްސް ފިޝިންއަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ހަރަކާތެކެވެ. ވުމާއެކު، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީސްތައްވެސް ހިމާނައިގެންނެވެ.
އަދި މީގެ އިތުރުން، ރެސްޓޯރަންޓް އަދި ކެފޭތަކާއި، މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތައްވެސް މި ބަނދަރުތަކުގައި ހުންނާނެއެވެ.
ސްޕޯޓްސް ފިޝިންއާއި ފަރުމަހުގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިއީ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އެކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތެކެވެ.