ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ ސަފީރަށް ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް!

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ ސަފީރަށް ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް ދެންނެވުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށް ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް ދަންނަވާފިއެވެ.
މިއަދު ހެނދުނު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވުމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. ހަމަ އެހެންމެ، ވަޒީރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ސަޢުދީ ސަފީރާއި ހިއްސާކުރައްވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން އެމަނިކުފާނު ވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި އެ ވުޒާރާގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން ވުޒާރާގެ ކަންކަމުގައި ބަހައްޓަވާ އިސްކަމާއި ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ. އެގޮތުން، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ސީދާ އިރުޝާދުފުޅާއެކު މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިންނަށް ވަނީ ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވާފައެވެ.