Ads by Stelco

ޚަބަރު

މި އަހަރުގެ މިހާތަނަށް ސްކޭމްގެ އެއްހާހަށް ވުރެ ގިނަ މައްސަލައެއް ރިޕޯޓްކޮށްފައިވޭ: ފުލުހުން

މި އަހަރުގެ މިހާތަނަށް ސްކޭމްގެ އެއްހާހަށް ވުރެ ގިނަ މައްސަލައެއް ރިޕޯޓްކޮށްފައިވޭ: ފުލުހުން

ސްކޭމް ކޯލްގެ ކުރެހުމެއް/ފޮޓޯ: ގަޓްޒީ އޭޝިއާ

08 ޖުލައި 2025، 03:06

މި އަހަރުގެ މިހާތަނަށް ސްކޭމްގެ އެއްހާހަށް ވުރެ ގިނަ މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ސްކޭމްގެ 1،133 މައްސަލައެއް ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. އަދި މިއަހަރުގެ މި މުއްދަތަށް ބަލާއިރު، އެންމެ ގިނައިން ސްކޭމްގެ މައްސަލަތައް ރިޕޯޓުކޮށްފައިވަނީ މެއި މަހުގައެވެ. އެގޮތުން، މިއަހަރުގެ މެއި މަހު ފުލުހުންނަށް ވަނީ 219 މައްސަލައެއް ހުށައަޅާފައެވެ.

މިއަހަރުގެ މިހާތަނަށް ރިޕޯޓްކޮށްފައިވާ ސްކޭމްގެ މައްސަލަތައް:

  • ޖެނުއަރީ - 159 މައްސަލަ
  • ފެބްރުއަރީ - 184 މައްސަލަ
  • މާޗް - 190 މައްސަލަ
  • އޭޕްރީލް - 190 މައްސަލަ
  • މެއި - 219 މައްސަލަ
  • ޖޫން - 191 މައްސަލަ

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ސްކޭމްގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ. އެގޮތުން، މިއަހަރުގެ ޖެނުއަރީ މަހު ސްކޭމްގެ 84 މައްސަލައެއް ހުށައަޅާފައިވާއިރު، ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ 109 މައްސަލައެއް ހުށައަޅާފައެވެ. އަދި މާޗް މަހު 111 މައްސަލައަކާއި، އޭޕްރީލް މަހުގެ ތެރޭގައި 104 މައްސަލައެއްގެ އިތުރުން، މެއި މަހު ވަނީ 129 މައްސަލަ ހުށައަޅާފައެވެ. ހަމަ އެހެންމެ، ނިމިދިޔަ ޖޫންމަހު ސްކޭމްގެ 114 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރީ އޯޑަރަށް ތަކެތި ގެނެސްދޭނެކަމަށް ބުނެ ހިންގަމުންދާ ސްކޭމްތަކުގެ މައްސަލަތައް ކަމަށެވެ. ހަމަ އެހެންމެ، ބޭރު ފައިސާ މާރުކުރުމުގައި ހިންގާ ސްކޭމްތަކުގެ މައްސަލަވެސް ވަނީ ވަރަށް ގިނައިން ރިޕޯޓުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS