Ads by Stelco

ޚަބަރު

ސަޢުދީގެ އައު ސަފީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް މަސައްކަތްތައް ފުޅާކުރެވިގެންދާނެ: ވަޒީރު ޑރ. ޝަހީމް

ސަޢުދީގެ އައު ސަފީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް މަސައްކަތްތައް ފުޅާކުރެވިގެންދާނެ: ވަޒީރު ޑރ. ޝަހީމް

ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ވަޒީރާއު ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

08 ޖުލައި 2025، 03:28

ސަޢުދީގެ އައު ސަފީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް މަސައްކަތްތައް ފުޅާކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ވަޒީރު ވަނީ ސަޢުދީ ސަރުކާރުން ދިވެހި ސަރުކާރާއި މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާންއަށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން އެ ވުޒާރާގެ ކަންކަމުގައި ދެއްވާ އަހަންމިއްޔަތާއި އިސްކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ސަފީރަށާއި އެމްބަސީގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު ދަންނަވާފަައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އައު ސަފީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމުގެ ޔަޤީންކަން އޮންނަވާކަމަށެވެ. ހަމަ އެހެންމެ، މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދެވުމަށް ސަޢުދީ ސަރުކާރުންނާއި އެމްބަސީން ވެދެއްވި އެހީތެރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ވަޒީރު ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި އެ ވުޒާރާގެ މެންޑޭޓާއި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ސަފީރާއި ހިއްސާކުރުމަށް ޚާއްޞަ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS