Ads by Stelco

ޚަބަރު

ސަސްޕެންޑުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ފަޒީލް ރަޝީދު މަޤާމުން ވަކިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމަވައިފި

ސަސްޕެންޑުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ފަޒީލް ރަޝީދު މަޤާމުން ވަކިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމަވައިފި

މުޙައްމަދު ފަޒީލް ރަޝީދު/ފޮޓޯ: އެމްޑަބްލިއުއެސްސީ

08 ޖުލައި 2025، 04:38

ހުލާސާ


މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ސަސްޕެންޑުކޮށްފައި ހުރި މުޙައްމަދު ފަޒީލް ރަޝީދު އެ މަޤާމުން ވަކިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމަވައިފިއެވެ.

އޭނާ މި މަޤާމުން ކުރިން ސަސްޕެންޑުކޮށްފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަޙުޤީޤުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށް އެމްޑަބްލިޔުއެސްސީން ވަނީ މީގެ ކުރިން މަޢުލޫމާތު ދެއްވާފައެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވާ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު 9 ޖުލައި 2025 (މިއަދުން) ފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ. އަދި މިއީ، އެ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުޤީގާއެކު އިސްމަޤާމެއްގައި މުސާރަޔާ އެކު ދިގު މުއްދަތަކަށް ސަސްޕެންޑުކޮށްފައި ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވާކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން، ފަޒީލުގެ މައްޗަށް ތަހުޤީގުކުރަނީ ގޯތި ލިބިފައިނުވާ ފަރާތްތަކަކަށް ގޯތި ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އަދި މިކަމާއި ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައެވެ. އަދި މި ތަޙުޤީޤަކީ ޑޮކިއުމަންޓްތަކެއް ފޯޖުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށާއި، މިއީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އަމިއްލައަށް އިސްނަގައިގެން ފެށި ތަޙުޤީޤެއްކަމަށްވެސް ފުލުހުން މީގެ ކުރިން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS