Ads by Stelco

ޚަބަރު

މޯލްޑިވްސް ނޭޝަނަލް ސަރވިސް ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްހާހަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

މޯލްޑިވްސް ނޭޝަނަލް ސަރވިސް ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްހާހަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

އެމްއެންޑީއެފް/ފޮޓޯ: ސަން އޮންލައިން

08 ޖުލައި 2025، 07:11

މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް މިހާތަނަށް އެއްހާހަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި އެވެ.

މި ޕްރޮގްރާމަކީ، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅާއި އެކު ފަށްޓަވާފައިވާ މަސައްކަތެކެވެ.

ދިފާޢީ ވުޒާރާއިން، މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. އަދި މި ފުރުޞަތު ހުޅުވާލުމާއެކު މިހާތަނަށް މި ޕްރޮގްރާމަށް 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިހާރު ކުރިމަތިލާފައިވާ ކުދިންގެ ތަރުތީބުން ތަމްރީނުން ޖާގަ ލިބިފައިވާ ގޮތައި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ގެންދަވާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ޤައުމުގައި ބިނާކުރުމެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން މި ޕްރޮގްރާމުގެ ދަށުން ތައްޔާރުކުރެވިގެން ދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށްޓެވުުމުގެ ވިސްނުންފުޅު ހުރިކަން ރައީސް ހިއްސާކުރައްވާފައިވަނީ، މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS