ޚަބަރު
އައިޖީއެމްއެޗްގެ އައިނު ފިހާރަ މިމަހު ހުޅުވަނީ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިމަހުގެ ތެރޭގައި އައިނު ފިހާރައެއް ހުޅުވައި ޚިދުމަތް ދޭން ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، އައިނުގެ ނަމްބަރު ނެގުމާއި އަދި އެހެން ތަނަކުން ނަގައިގެން އަންނަ ނަމްބަރަކަށްވެސް އައިޖީއެމްއެޗްގެ އައިނު ފިހާރައިން އައިނު ހެއްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައިނު ހެއްދުމުގެ ޚިދުމަތް ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް ފޯރުކޮށްދީފައިނުވާކަމަށާއި، އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށް އައިނުވެފައިވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށް ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.
"އާސަންދައިން ކަނޑައަޅާފައިވާ ރޭންޖުގެ ތެރޭގައި ފެންވަރު ރަނގަޅު އައިނެއް ހެއްދޭނެ އިންތިޒާމު ސަރުކާރުގެ މައި ހޮސްޕިޓަލުގެ ތެރެއިން ހަމަޖެހޭނެ" ކަމަށް ޢަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ.
މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކާ ހަމައަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން އަތޮޅުތަކުން އައިނު ހެއްދުމަށް މާލެ އަންނަން ކުރަންޖެހޭ ހޭދަ ސަލާމަތްވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައިނު ހެއްދުމަށް ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައިގެ ދަށުން ކުރިން ދެމުންދިޔަ 1000 ރުފިޔާ 2000 ރުފިޔާއަށް އިތުރުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި 36،000 އަށްވުރެ ގިނަ މީހުންނަށް އައިނު ހެއްދުމަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ އާސަންދައިގެ ތެރެއިން ދޫކޮށްފައިވެއެވެ.