ޚަބަރު
ވަޒީރު ޠާރިޤް އޭޝިއަން ޑިވަލޮޕްމެންޓް ބޭންކުގެ ރީޖަނަލް ހެޑް ތިއާމް އާއި ބައްދަލުކުރައްވައިފި

ވަޒީރު ޠާރިޤް އޭޝިއަން ޑިވަލޮޕްމެންޓް ބޭންކުގެ ރީޖަނަލް ހެޑް ތިއާމް އާއި ބައްދަލުކުރެއްވުން
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ރީޖަނަލް ހެޑް ތިއާމް އީ ހިންއާ މިއަދު ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އޭޑީބީގެ ސީނިއަރ އިކޮނޮމިސްޓް، އެލިޒަބަތު ޖެންޓައިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ޠާރިޤް އިބްރާހީމް ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް އޭޑީބީގެ އިސްވެރިންނާ ހިއްސާކުރައްވާފައެވެ. އަދި އޭޑީބީގެ އެހީގައި ހިނގަމުންދާ އިއާދަކުރަނިވި ހަކަތައާ ގުޅޭ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ. ވަކިން ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނާޒުކު ހާލަތްތަކާއި، އިއާދަކުރަނިވި ހަކަތަ ތަރައްޤީކުރުމުގައި ކުރިމަތިވާ ހުރަސްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މީގެއިތުރުން، ކުނި މެނޭޖްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، ރައްކާތެރިގޮތެއްގައި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ކުނި ގެންގޮސް ނައްތާލުމުގައި ދިމާވާ އުނދަގޫތައްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުމަކީ ރާއްޖެއާއި އޭޑީބީއާ ދެމެދުގައި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެކެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މިއީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖެއިން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.