Ads by Stelco

ޚަބަރު

މިމަހު ތިލަފުށީ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް ފެށޭނެ

މިމަހު ތިލަފުށީ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް ފެށޭނެ

ތިލަފުށި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2025، 11:35

09 ޖުލައި 2025، 11:35

ތިލަފުށީގައި ޤާއިމްކުރާ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް މިމަހުގެތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ މެނޭޖަރ އިބްރާހީމް ވިޝާމް ރަޝީދު ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަަމުން ވިދާޅުވިގޮތުގައި، ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 100 މީޓަރުގެ މަގަތު ފާލަމަކާއެކު ޤާއިމްކުރާ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.

މި ފެސިލިޓީގައި އެއްފަހަރާ 1600 އިން 1800 އާ ދެމެދުގެ އަދަދަކަށް ކޮންޓެއިނަރު ރައްކާކުރެވޭނެ ކަމަށް ވިޝާމް ފާހަގަކުރެއްވިއެވެ. އަދި މިހާރު ބޯޓުގައި ހުންނަ ކްރޭންތަކުގެ ބަދަލުގައި އެމްޕީއެލްގައި 2 މޮބައިލް ހާބަރ ކްރޭން ޤާއިމްކުރެވި، އޭގެ ސަބަބުން ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް އަވަސްވެ، ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 750 މީޓަރުގެ ޑޮމެސްޓިކް ކީއެއް ޤާއިމްކުރެވި، މުދާ ކްލިއަރ ކުރުމަށްފަހު ބޯޓުފަހަރަށް ބަރުކޮށްގެން ރަށްރަށަށާއި ރިސޯޓުތަކަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެވޭތާ އެއް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ ދެވަނަ ބައިގެ މަސައްކަތް ނިންމުމަށް ވަނީ ރޭވިފައެވެ.

ވިޝާމް ވިދާޅުވިގޮތުގައި، މި މަޝްރޫޢަކީ ޤައުމީ ފެންވަރުގައި ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި މަންފާތަކެއް ލިބި، އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެއެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ ޓެންޑަރިން މަރުހަލާގެ މަސައްކަތްތަކެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS