Ads by Stelco

ޚަބަރު

ހުއްދަނެތި ހިންގާ އޭވިއޭޝަން ކޯސްތަކުގެ ސެޓްފިކެޓް ބަލައިނުގަންނާނެ: ދިފާޢީ ވުޒާރާ

ހުއްދަނެތި ހިންގާ އޭވިއޭޝަން ކޯސްތަކުގެ ސެޓްފިކެޓް ބަލައިނުގަންނާނެ: ދިފާޢީ ވުޒާރާ

އޭވިއޭޝަން ސެކްޓަރ މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2025، 11:49

09 ޖުލައި 2025، 11:49

ހުއްދަތައް ނުނަގާ ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓްތައް ބަލައިނުގަންނާނެ ކަމަށް ދިފާޢީ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.

ދިފާޢީ ވުޒާރާގެ ދަށުން ހިނގަމުންދާ ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ނެރުނު ސާކިއުލަރގައި ބަޔާންކޮށްފައިވަނީ، މިފަހަކަށް އައިސް ބައެއް ފަރާތްތަކުން މަދަނީ އުދުހުންތަކުގެ ދާއިރާގެ ސެކިއުރިޓީ ކޯސްތައް ކަމާބެހޭ ހުއްދަތައް ނުނަގައި ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ހަލީމް ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލަރގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނުތަކާއި، އެފަދަ ތަމްރީނުތައް ދިނުމަށް ނަގަންޖެހޭ ހުއްދަތަކާ ގުޅޭ އުސޫލުތައް ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

މި ސާކިއުލަރގައި އިތުރަށް ފާހަގަކޮށްފައިވަނީ، ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް ތަމްރީނުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ކިޔަވައިދޭ މުދައްރިބުން ވުޒާރާގެ ހުއްދަ ނަގަންޖެހޭނެ ކަމަށެވެ. އަދި މި ސިޔާސަތާ ޚިލާފަށް ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތައް ބަލައިނުގަންނާނެ ކަމަށްވެސް ވަނީ އިންޒާރުދީފައެވެ.

ދިފާޢީ ވުޒާރާއިން މި ސާކިއުލަރ ވަނީ ރާއްޖޭގެ އެއަރޕޯޓްތައް ހިންގާ ފަރާތްތަކާއި، ތަޢުލީމީ ވުޒާރާއާއި މަތީ ތަޢުލީމާބެހޭ ވުޒާރާގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް) އަށް ފޮނުވާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS