ޚަބަރު
އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމުގައި ފަތުވާދޭ މަޖިލީހުން ވިދާޅުވެއްޖެ

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލޯގޯ/ފޮޓޯ: ފަތުވާ މަޖިލިސް
ހުލާސާ
އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެއްޖެއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު މި ނިންމުން ނިންމަވާފައެވެ. އަދި އެ މަޖިލީހުން ވަނީ އިއްޔެގެ ވަގުތެއްގައި މި ފަތުވާ ޢާންމުކޮށްފައެވެ.
އެ މަޖިލީހުން ޢާންމުކޮށްފައިވާ ފަތުވާގައި ވަނީ، އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމުގެ މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެއީ ޙަރާމްކަމެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރަޢުޔާއި އެކަމަކީ ޙުއްދަކަމެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރަޢުޔު ހިމެނޭކަމަށް އެ ފަތުވާގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މި ދެ ރަޢުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށާއި، ޢިލްމުވެރިން ނެރުއްވާފައިވާ ޙުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާކަމަށް ވަނީ ވިދާޅުވެފައެވެ.
ފަތުވާ މަޖިލީހުން އިތުރަށް ވިދާޅުވީ، މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ، މި ދެ ރަޢުޔަކީ ވެސް ޢިލްމުވެރިން ޤަބޫލުކުރައްވާފައިވާ ދެރަޢުޔު ކަމަށެވެ. އެހެންނަމަވެސް، މިކަމަކީ ހުއްދަކަމެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތަކުގެ ބާރުގަދަކަމަށް ފާހަގަކުރެވޭކަމަށް އެ މަޖިލީހުން ވިދާޅުވިއެވެ. އެހެންކަމުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.